އީދު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އަންނަ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00އާ ދެމެދަކީ މާލޭގައި ފައިމަގުގައި އުޅޭ ވަގުތެއްގެ ގޮތުގައި ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00އާ ދެމެދަކީ ފައިމަގުގައި އުޅޭ ވަގުތެއް ކަމަށް ހަމަޖައްސާފައިވާތީ، ހުއްދަކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ މަނާ ކަމެއް ކަމަށް އަންގައިފަ އެވެ. އެ އެންގުމާ ޚިލާފްވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އިއުލާންގައިވާ ގޮތުން، އީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00އާ ދެމެދު ދުއްވުން ހުއްދަކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި އެއްބިއުލާންސާއި ފުރާ މީހުން ބޭނުންކުރަން ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވަން ޚާއްސަކޮށްފައިވާ ސައިކަލްތަކެވެ. އަދި އެވަގުތު ދުއްވަން ހުއްދަ ދެވޭ އުޅަނދުތަކާއި ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ބަސްތައް ވެސް އެ ގަޑީގައި ދުއްވޭނެ ކަމަށް އިއުލާނުގައިވެ އެވެ. މަނާ ގަޑީގައި ދުއްވަން ހުއްދަ ދީފައިވާ ބާވަތުގެ އުޅަނދުތަކަށް ޚާއްސަ ހުއްދައެއް ހައުސިން މިނިސްޓްރީން ދޫކުރާނެ ކަމަށާއި އެފަދަ އުޅަނދުތަކުގައި އެ ހުއްދަ އާންމުކޮށް ފެންނާނެހެން ހަރު ކޮށްފައި ހުންނަންޖެހޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރީއްސުރެން ފެށިގެން ކޮންމެ އީދު ދުވަހެއްގެ ވެސް ވަކި ވަގުތެއްގައި މާލޭގައި ވެހިކަލްތައް ދުއްވުން މަނާ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ