ފަހު ވަގުތު ވީބީ ބަލިކޮށް އޭވައިއެލް ސެމީ އަށް

ވީބީ އައްޑޫ އެފްސީގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަތުން މެޗުގެ ފަހު ވަގުތު ބައިކޮޅަށް ވަތް ލަނޑަކާ އެކު، ބީފިފްޓީޓޫ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ވީބީ އަތުން 2-1 އިން މޮޅުވެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. މެޗުގެ 15 ވަނަ މިނިޓުގައި އޭވައިއެލް އަށް ލީޑު ހޯދައިދިނީ ވީބީ އަށް ކުރިން ކުޅުނު ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމަން މަންސާރޭ އެވެ. އޭވައިއެލް ކުޅުންތެރިއަކު ދިން ބޯޅަ އަށް އަރައި، ޕެނަލްޓީ އޭރިޔާ ތެރެއިން އަބޫ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު އޭވައިއެލް އިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވެ، ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ވީބީގެ ބަލްގޭރިއާ ފޯވަޑް ވިކްޓަ ބްރަނިމިރޯފް ދިން ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ބޮންޑާ ގޯލަށް އަމާޒުކޮށްލީ އޭވައިއެލްގެ ގޯލްކީޕަރު އަހުމަދު އާތިފް (އާތީ) އެ ބޯޅަ އަށް އަރަނިކޮށެވެެ. މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވެ، އިތުރު ވަގުތު ކުޅެންޖެހޭނެ ކަމަށް ބެލެވިފައިވަނިކޮށް އޭވައިއެލް މެޗުން މޮޅުވީ 87 ވަނަ މިނިޓުގައި ވީބީގެ ބެންޖޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭވައިއެލްގެ ފޯވަޑް ބަހާޖަތު އަބްދުލް އަޒީޒް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދިފާއުކުރަން ބެންޖޯ މަސައްކަތްކުރި ނަމަވެސް، އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. ސެމީ ފައިނަލްގައި އޭވައިއެލްއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ. މި މެޗުން ބަލިވުމުން 2008 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަން ވީބީ އަށް ވަނީ މި ސީޒަން ނިމިފަ އެވެ. ވީބީ ވަނީ މި ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. އެފްއޭ ކަޕްގެ ކުއާޓާގައި މިރޭ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، މެޗު ނުކުޅޭނެ ކަމަށް ވިކްޓަރީން ވަނީ އެފްއޭއެމް އަށް އަންގައފިަ އެވެ. ވިކްޓަރީ މެޗު ނުކުޅެން ނިންމީ މުސާރަ ނުދޭ ކަމަށް ބުނެ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ، އެ ޓީމުގެ ފަރިތަކުރުންތައް ހުއްޓިފައިވަނިކޮށެވެ. އެފްއޭ ކަޕްގެ ފަހު ކުއާޓާގައި މާދަމާ ރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ކްލަބް އީގަލްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ