މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލި މީހަކު ހައި ކޯޓުން ވެސް ސަލާމަތެއް ނުވި
މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އުމުރަށް ޖަލަށްލި މީހަކު މިނިވަންވުމަށް އެދި ހައި ކޯޓަށް ދިއުމުން އޭނާގެ ޖަލު ހުކުމް ބާތިލްކުރެވެން ނެތް ކަމަށް އެ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހ. ފިނިމާގޭ އާސިމް ވަހީދު އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރީ ދަށު ކޯޓުގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. އޭނާ ޖަލަށްލުމަށާއި ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ މެއި މަހު ހުކުމްކުރީ ޖުލައި 2012 ގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން 98 ގްރާމް މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އާސިމްގެ ފަރާތުން ބުނެފައިވަނީ އެ މަސްތުވާތަކެތި ފެނުނުއިރު އެ ކޮޓަރި ހުރީ އެހެން މީހަކަށް ކުއްޔަށް ދީފައި ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ކޮޓަރިއަކީ އޭނާ ކުއްޔަށް ދޭ ތަނެއްކަން ނުވަތަ އެތަނުގެ ތަޅުދަނޑި އެހެން މީހެއްގެ އަތުގައި އޮންނަކަން ސާބިތުވިޔަސް އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުން އޭނާ ބަރީއަ ވާނެ ސަބަބެއް ނޫނެވެ. އެހެންކަމުން އެކަންކަމަށް ބަލާއިރު ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ