އެފްއޭ ކަޕް: ވީބީ- އޭވައިއެލް މެޗު މާދަމާ ރޭ ކުޅޭ ގޮތަށް ހަމަޖައްސައިފި
މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ބޭނުންކުރާތީ ފަސްކުރި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ކަމަށްވާ ވީބީ އައްޑޫ އެފްސީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)ގެ މެޗު މާދަމާ ރޭ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ. ވީބީ އާއި އޭވައިއެލްގެ މެޗުން މިދިޔަ ހަފުތާގައި ފެށުމަށް ހަމަޖެހިފައި އޮތް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ފަސްކޮށް، އާދިއްތަ ދުވަހުގެ ރޭ ވީބީ-އޭވައިއެލް ކުޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ދެވަނަ ފަހަރަށް އެ މެޗު ފަސްކުރީ ވިއްސާރައިގެ ސަބަބުން މިނިވަން ދުވަހުގެ ކުޅިވަރުތައް ހޮނިހިރު ދުވަހުގެރޭ ނުބޭއްވުމުންނެވެ. އެފްއޭ ކަޕްގެ ކުއާޓާގެ މެޗުތަކުގެ ތެރެއިން ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލުކުރާ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރެ އެވެ. ވިކްޓަރީ އާއި ވެލެންސިއާ ބުރާސްފަތި ދުވަހުގެ ރޭ ކުރިމަތިލާއިރު، ފަހު ކުއާޓާގައި މާޒިޔާ އާއި ވިޔަންސާ ކުރިމަތިލާނީ ހުކުރު ދުވަހުގެ ރެ އެވެ. ޝެޑިއުލް އަށް ގެނައި ބަދަލުތަކާއެކު ކުރިން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައި އޮތް ދިވެހި ލީގުގެ ތިން ވަނަ ބުރު ވަނީ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި އޭވައިއެލް އެވެ. އަދި ކުރިން މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ދިވެހި ލީގު ކޮލިފިކޭޝަން ވަނީ މި މަހުގެ 17 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ކްލަބް ވެލެންސިއާ އާއި ވިޔަންސާ އާއި ބީޖީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ ދިވެހި ލީގު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ