ޕީޖީގެ ވަކީލުން ހާޒިރު ނުވެގެން ތިނަދޫ ހުޅުޖެހި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

. ތިނަދޫގައި ހުރި ދައުލަތުގެ މުއްއަސާސަތުގައި 2012 ވަނަ އަހަރު ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އެންމެންގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސާ އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން މައްސަލަ ބޭރުކޮށްލީ މިއަދު ހެންދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެކި ބަސްނެގުމުގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުވެފައި ނުވާތީ ކަމަށެވެ. މަނިކު ވިދާޅުވީ މިއަދު އޮތް ޝަރީއަތަށް ވަކީލުން ހަމަޖެއްސުމަށްއެ އޮފީހަށްއެންގުމުން އެކަން ހަމަޖެއްސެން ނެތްވާހަކަ އެ ކޯޓަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް މީގެ ކުރިން ބުނިނަމަވެސް މިހާރު ދެމުން ނުދާ ކަމަށެވެ.  އެހެންވެ ދެންމި މައްސަލަ އެ ކޯޓުން ބަލައިގެންނާނީ ދައުލަތުގެ ވަކީލުން ހަމަޖެއްސުމަށް ފަހު ހުށަހެޅުމުން ކަމަށް މަނިކު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ގާނޫނު ބުނާގޮތުން ކޯޓަށް މީހަކު ހާޒިރު ކުރާ ކޮންމެ ދުވަހަކަށް ދަތުރުގެ ހަރަދުގެ ގޮތުގައާއި، ކެއުމާއި، ހުރުމުގެ ހަރަދަށް ދުވާލަކަށް މީހަކަށް ދޭންޖެހެނީ 1120ރ އެވެ. ނަމަވެސް ތިނަދޫ ހުޅުޖެހި މައްސަލައިގެ ޝަރީއަތް ބާއްވާ ކޮންމެ ދުވަހަކު 89 މީހުންނަށް ދައުލަތުން  99680ރ ހަރަދުވާ ކަމަށެވެ.
މި މައްސަލަ މިއަދު ކޯޓުން ބޭރުކޮށްލި އިރު ތިނަދޫ ހުޅުޖެހި  މައްސަލައިގައި ހިމެނޭ 55 މީހަކު ހެކިވެރިންނަށް ބިރުދައްކާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި އެވެ. ތިނަދޫގައި ހުރި ދައުލަތުގެ އިމަރާތްތަކުގައި ހުޅުޖަހާ ފުލުހުންނަށް ހަމަލާ ދީފައިވާތީ ދައުލަތުން ވަނީ 89  މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ