އދ ގެ ހާއްސަ ރެޕަޓުއާ އަށް ޖޭޕީގެ ލީޑަރު ގާސިމް ބަހުގެ ހަމަލާތަކެއް ދެއްވައިފި

ދާދިފަހުން ރާއްޖޭގެ ޝަރުއީ ނިޒާމު ދިރާސާކުރި އދގެ ހާއްސަ ރެޕަޓުއާ ގެބްރިއަލާ ނައުލް ރާއްޖޭގެ ޖުޑިޝަރީއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ އަދި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގެބްރިއަލާ ޖޭއެސްސީގެ މެމްބަރުންނާ ބައްދަލުކުރެއްވި ކަމަށާއި އަދި ރާއްޖޭގެ ޖުޑިޝަރީގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ ވިދާޅުވިކަމަށެވެ. ނަމަވެސް އޭނާ އެގޮތަށް ވާހަކަ ދެއްކެވިއިރު، ހުރިހާ ގައުމެއްގައިވެސް ޖުޑިޝަރީގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ކަންކަން އިސްލާހު ކުރަންނުޖެހޭ ގައުމެއް ނެތްކަމަށެވެ.
"ގެބްރިއެލާ ކިޔާ ބޭފުޅެއް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކުރި. އެބޭފުޅާ ވިދާޅުވީ ޖުޑީޝަރީގައި ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިވާހަކަ. ހުރިހާ ގައުމެއް ޖުޑިޝަރީއަށްވެސް އިސްލާހު ގެންނަޖެހޭ. ކޮންގައުމެއްގަތޯ ނެތީ،" އދގެ ރެޕަޓުއާ ދެއްކެވި ވާހަކަތަކާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުން އައްޔަންކުރަނީ ޓްރާންސްޕޭރަންޓްކޮށްނޫނޭ ގެބްރިއެލާ ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ އޭނާ ކަނޑައެޅިގެން ހެއްދެވި ދޮގެއް ކަމަށެވެ.
"ޖޭއެސްސީން ފަނޑިޔާރުން އައްޔަންކުރަނީ ޓްރާންސް ޕޭރެންޓްކޮށެއް ނޫނޭ އޭނާ ބުނި، އަޅުގަނޑަށް ކަށަވަރު އެއީ ދޮގެއްކަން. އެއީ ދޮގެއް އޭނާ އެކަށްޗެއްވެސް ނުބަލާ އެކައްޗެއްވެސް އަޑެއްނާހާ. މީހަކު ބުނިއެއްޗެއް ރެކޯޑް ކޮށްގެން އޭނާގެ ސިކުނޑިއަށް ވައްދައިގެން އޭނާ އެބުނިއެއްޗެއް އެބުނީ. ހަމަ ގައިމުވެސް އަޅުގަނޑުމީ އެތަނުގައި އުޅޭ މީހެއް، އެތަނުގައި ގަވާއިދެއްވެސް ނެތްކަމަށާއި ހިންގާ އުސޫލެއްވެސް ނެތްކަމަށް އޭނާ ބުނި. އެއީ ޖޯކެއްތޯ. އަޅުގަނޑުމެން ފަނޑިޔާރުން އައްޔަންކުރާއިރު ނޫހުގައި ޖަހާ އިއުލާނުކޮށް ހުރިހާ ކްރައިޓީރިއާ ސެޓްކޮށް ކިޔާދީ ހަދާ އިންޓަވިއު ކުރާ ގޮތާއި ޝަރުތުތައް ފުރިހަމަވޭތޯ ވަރަށް ރަނގަޅަށް ބަލާ ހެދި. އަދި އަމަލުކުރަމުން އަންނަނީވެސް ގަވާއިދުގައިވާ ގޮތުގެ މަތިން. އަކުރެއް ފިއްޔަކަށްވެސް ބަދަލެއް ނުގެނެސް އަޅުގަނޑުމެން ކަންކަން ނިންމަނީ. އަޅުގަނޑަށް ހަމަ ކަށަވަރު އެއަށްވުރެ ބޮޑު ދޮގެއް އޭނާ ނުހަދާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެގޮތަށް އަންނަ މީހުން ދައްކާ ވާހަކަ އޭގެ ހަގީގަތް ނުބަލާ ނެރޭ ރިޕޯޓުތައް ރައްޔިތުން ބަލައިގަނެގެން ނުވާނެ ކަމަށާއި އެއީ ކޮންމެވެސް ބައެއްގެ ނުފޫޒުން ހިންގާފައިވާ ކަމެއްކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ދަންނަވަން މިއުޅޭ ވަހަކައަކީ އެގޮތަށް އަންނަމީހުން ދައްކާ ވާހަކަ އޭގެ ހަގީގީތަށް ނުބަލާ ނެރޭ ރިޕޯޓުތައް އަޅުގަނޑުމެން ރައްޔިތުން ބަލައިގެން ނުވާނޭ. މިއީ ކޮންމެވެސް އެހެން ކަހަލަ އިންފްލުއެންސެއް މިއުޅެނީ. އަޅުގަނޑުވެސް ނުދަންނަވަން ޖުޑިޝަރީގައި އިސްލާހުކުރަން ހުރިކަންތައްތައް ނެތެކޭ. ހުރިހާ ދާއިރާއެއްގައިވެސް އިސްލާހު ކުރަންޖެހޭ ކަންތައްތައް ހުންނާނެ،" ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މީގެ ކުރިންވެސް ރާއްޖެއަށް އދގެ ބޭފުޅެއް އައިސް ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ނުކުރެވޭނެ ވާހަކަ ބުނެފައިވާ ކަމަށެވެ.
"ރާއްޖެ އައި އެގޮތަށް އައި ބޭފުޅަކު، އެއީ 1972 ވަނަ އަހަރު. ރާއްޖެއައިސް ސާރވޭކޮށްހަދާ ބަލާފައި ބުނީ ރާއްޖެއަކު ޓޫރިޒަމް ތަރައްގީއެއް ނުކުރެވޭނޭ. އެކަމަކު އެހެންތޯ މިއޮތީ. އެއީ ޔޫއެންގެ ރިޕޯޓްގައިއޮތްގޮތް. ވޯލްޑް ބޭންކްގެ ރިޕޯޓްގައިއޮތްގޮތް. ކިހިނެއްތޯވީ. ރާއްޖޭގައި ޓޫރިޒަމް ނެއްތޯ. އޭނާ ބުނީ އެއްގޮތަކަށްވެސް ނުކުރެވޭނޭ، އޭނާގެ ވާހަކައިން ރާއްޖޭގައި ކަރަންޓެއް ނެތް ފެނެއްނެތް، ކުދިކުދި ރައްތަކެއް، ދަތުރުފަތުރު ކުރެވޭނެ ގޮތެއްނެތް، އެއީ އޭނާއަށް ފެނުނުގޮތް، އޭނާއަށް ކޯއްޗެއްތޯ އެނގެނީ،" ކުރިން ރާއްޖެ އައި ކަމަށް ބުނާ ބޭފުޅެއް ނެރުއްވި ރިޕޯޓަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާރާކު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރޭގެ ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމެރިކާގެ ޖުޑިޝަރީގައި ހިނގިކަމެއްގެ ވާހަކައެއްވެސް ހިއްސާކޮށްފައެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑަބްލިޔު ބުޝް ވެރިކަމަށް ވަޑައިގަތުމުގައި ކޯޓުގެ އިހުމާލު އޮތް ކަމަށް ގާސިމް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ.
"އެމެރިކާގަ ޖުޑިޝަރީ ވަރަށް ރަނގަޅުތޯ، ބުޝް ދެވަނަ ވެރިކަމަށް ހޮވިގެން ދިޔައިރު ކިހިނެއްތޯވީ. އެ އިލެކްޝަނުގައި ވީގޮތް ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ޕްލޮރިޑާގެ ހައިކޯޓުން ބުނީ އެވޯޓް ގުނާށޭ. މައްސަލަ ޖެހިގެންދިޔައީމަ، ގުނަން ފެށުމާއެކު އަލްގޯއަށް ވިންވަމުން ވިންވަމުން ދާންފަށައިފި. އެންމެ ފަހުން އެގޮތް ކަމުނުގޮސްގެން ރިޕަބްލިކަން ޕާޓީ ހުށަހަޅައިފި ފެޑްރަލް ހައިކޯޓަށް. ފެޑްރަލް ހައިކޯޓުން ނިންމީ އެވޯޓު އަލުން ގުނާނެ ކަމެއްނެތޭ، ޕްރެސިޑެންޓަކީ ބުޝް އޭ. ކޯޓުގެ އެނިންމުމާ ގުޅިގެން އަލްގޯ ވަގުތުން ބަލި ގަބޫލުކޮށް ބުޝްއަށް މަރުހަބާކީ. މިއީ ދުނިޔޭގެ އެންމެންގެ ކުރިމަތީ ފެނިގެން ދިޔަކަމެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަންތައްތައް ހިނގާދިޔަގޮތަށް ބަލާއިރު ފެޑްރަލް ހައިކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ ޑަބްލިޔު ބުޝްގެ ބައްޕަގެ ވެރިކަމުގައި ބައްޕަ ނަންފޮނުވައިގެން ހޮވިފައިތިބި ފަސް ފަނޑިޔާރުންކަމަށެވެ.
" އެހެންވީމަ އެބަ އެނގޭ ކޮންތަނެއްގެ ޖުޑިޝަރީކަން އިސްލާހު ކުރަންވެފައި އޮތީ. އެކަމަކު ރާއްޖޭގައި ޖަސްޓިސް ސިސްޓަމް އޮތީ ރަނގަޅަށް އެބުނާ ކަހަލަ ކަންތައްތަކެއް ރާއްޖެއަކު ނެތް،" ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅުކަމަށް ވިދާޅުވެ ޖޭއެސްސީގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އދގެ ހާއްސަ ރެޕަޓުއާ ގެބްރިއަލާ ނައުލްގެ ރިޕޯޓަށް ގާސިމް އިބްރާހީމް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވިއިރު، ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރަ ވަނީ ރެޕަޓުއާގެ ރިޕޯޓަށް މަރުހާބާ ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ