ރިޔާސީ އިންތިހާބު އެއްފަހަރު ސުޕްރީމް ކޯޓުން ބާތިލުކޮށް ދެވަނަ ފަހަރަށް ނުބޭއްވިދިޔައިރު އެ ދެ ފަހަރު ވެސް އިންތިހާބު ހުއްޓުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދެ ފަހަރު ވެސް ވޯޓު ހުއްޓުވީ ރައީސް މައުމޫން ކަމަށާއި އެއްފަހަރު ފަނޑިޔާރުން ލައްވާ ހުއްޓުވިއިރު އަނެއްފަހަރު ހުއްޓުވީ ފުލުހުން ލައްވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދު ހިންގަވަމުން ގެންދަވަނީ ރައީސް މައުމޫނުގެ "ގޮނޑި ކޮއްކޮ ސަރުކާރެއް" ކަމަށާއި ނޮވެމްބަރު 11 ފަހުން ރައީސް ވަހީދު ވެރިކަމުގައި ހުންނެވުމަށް އެދިވަޑައިގެން މައުމޫން ފޮނުއްވި ސިޓީފުޅަކީ ގާނޫނާ ހިލާފު ސިޓީފުޅެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓް ކޯޓުން ހުއްޓުވާފައިވާއިރު އެމްޑީޕީއަކީ ގެއަށް ވަންނާނެ ބައެއް ނޫންކަން ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ރަނގަޅަށް އެނގެންޖެހޭނެ ކަމަށާއި ކޯޓުން ވޯޓު ހުއްޓުވާފައިވަނީ ރައީސް ވަހީދާއި ރައީސް މައުމޫން ފަނޑިޔާރުންނަށް ބިރު ދައްކައިގެން ކަމަށެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 30 އަހަރުގެ ތެރޭގައި ރައީސް މައުމޫން ހަ ފަހަރަށް ރައީސް ކަމަށް ހޮވިވަޑައިގެންނެވީ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރައްވާ ކަމަށާއި އޭރު ރައީސް މައުމޫނާއި ވާދަ ކުރާނެ މީހަކު ނެތްއިރު ފެންނަ ނުފެންނަ ވޯޓުތައް ވެސް ކުރިއަށް ގެންދެވީ ބާރާއި ނުފޫޒު ބޭނުން ކުރަށްވައިގެން ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރު 80 ޕަސެންޓަށްވުރެން މަތީ އަގުލަބިއްޔަތު ހޯއްދަވާއިރު މިއަދު އެމްޑީޕީއަށް 95000 ވޯޓު ލިބުމުންހަޖަމު ނުވެގެން އުޅުއްވާ ކަމަށެވެ.
"ތަކުރާރުކޮށް ތިޔަ ގެންދަވަނީ ވޯޓަށް ހުރަސް އަޅުއްވަމުން، މަނިކުފާނު ގާނޫނު އަސާސީގެ ބާރު ކަންޑުވާލިކަން އަމިއްލަ ފުޅަށް ދަލީލު ދައްކަވަމުން ތިޔަ ވަޑައިގަންނަވަނީ، ސިޓީފުޅު ތިއްޔަ ލިޔުއްވަނީ ގާނޫނީ ދައުރުން ބޭރުން ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން ހުންނެވި މުހަންމަދު ވަހީދު ވެރިކަމުގައި ހުންނެވުމަށް. ނޫން މަނިކުފާނު އަޅުގަނޑުމެން މިތިބީކީ ތިޔަ ޖާގަ މަނިކުފާނަށް ދޭން ތައްޔާރަކަށް ނޫން. މައުމޫން ފަހަތަށް ޖެހިވަޑައިގަންނަވާ އަޅުގަނޑުމެން މިނުކުންނަނީ،" ނަޝީދު ވިދާޅުވި އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްއަށް ވަރަށް ސާފްކޮށް ދަންނަވާން އެބަޖެހޭ މާދަމާ އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ ކުރައްވާށޭ ނޫނިއްޔާ މަނިކުފާނު ތި މަގާމުން ފައިބާ ވަޑައިގަންނަވާށޭ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށް ރަނގަޅަށް ވަރަށް ސާފްކޮށް ވިދާޅުވެއްޖެ ވޯޓްލުން ހުއްޓުވީ ފުލުހުން ކަމަށް. އެ ކުށަކީ ކުޑަ ކުށެއް ނޫން މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގަށް އަބްދުﷲ ރިޔާޒް އާއި ބާޣީ މުހަންމަދު ވަހީދު އެ ހުރަސް އެޅުއްވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މައުމޫން ވަނީ ރައްޔިތުންނަށް ލައްކަވަރު ކޮށްފައިކަމަށާއި އެކަން ހުއްޓާލެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި ފުރަތަމަ ވޯޓު ހުއްޓުވީ ފަނޑިޔާރުގެ އިން ކަމަށާއި ނަމަވެސް އެމްޑީޕީ އެނބުރި އަންނާނެކަން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އަދި ފުލުހުންނަށްވެސް އެކަން އެނގޭނެ ކަމަށެވެ. އެސްއޯ ފުލުހުންގެ ޝީލްޑާއި މުގުރާއި އަސޭމިރުސް ދުމުގެ މައްޗަށް ރައްޔިތުންނަށް އަދި ގަދަ ނުވެވޭ ކަމަށާއި ނަމަވެސް ރައްޔިތުންގެ އުއްމީދާއި އަޒުމް ބަލި ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް މައުމޫން ވިސްނަވާ. އަޑުއައްސަވާ. އަޅުގަނޑުމެން މިތިބީ މިކަން ދޫކޮށްލާފައި ގެއަށް ވަންނާކަށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މިއަދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެއްބުރުން އިންތިހާބު ކާމިޔާބުކުރުމާމެދު އުފެދޭ ސުވާލު ނޫން ކަމަށާއި އުފެދިފައިވާ ސުވާލަކީ އިންތިހާބެއް އޮންނާނީ ކޮން ދުވަކުންތޯ ކަމަށެވެ. އަދި ރައްޔިތުންނަށް އިންތިހާބެއް ހޯދައި ނުދީ ހުއްޓާ ނުލައްވާނެ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ދެ ފަހަރުވެސް އިންތިހާބު ހުއްޓުވީ މައުމޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ