ކުއްލި ޖަލްސާއެއް ބާއްވައިދޭން އުއްތަމަ ފަނޑިޔާރު ވަނީ އިންކާރުކުރައްވާފައި: ސުޕްރީމް ކޯޓުގެ ބަޔާން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް މީހަކު އައްޔަންކުރުން ހުއްޓުުވުމުގެ އަމުރެއް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ނެރުނު އިރު އެ މައްސަލައާ ގުޅިގެން ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެން އަށް ދެންނެވުމުން އެކަމަށް އިންކާރުކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނެއްގައި މިއަދު ބުނެފި އެވެ. ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު އެ މަގާމަށް އައްޔަންކުރުމަށް ކަނޑައަޅާފައިވާ ފާތުމަތު ރީނީ އަބްދުއްސައްތާރަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސް އޮފީހުގައި އިއްޔެ މެންދުރު 2:30 ގައި ބާއްވަން ތައްޔާރުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރުން އެކަން ވަނީ ހުއްޓުވާފަ އެވެ. އެ އަމުރާ ބެހޭގޮތުން "މީޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރާ ބެހޭގޮތުން ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ހަގީގަތްތައް ހާމަކުރުމުގެ ގޮތުން" ކަމަށް ބުނެ މިއަދު ނެރުނު ބަޔާނުގައި ތަފްސީލް ދީފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި އަދުލު އިންސާފުގެ ނިޒާމުގެ ބޭރުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށާއި އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ސުޕްރީމް ކޯޓުން ކަނޑައަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި އެ ކޯޓުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރެފައިވާ ކޯޓު އަމުރެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު އިއްޔެ ބަޔާނެއް ނެރުއްވައި ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ކަމަށްވާ އެ މަނިކުފާނާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް އެންގުމަކާ ނުލައި އެ އަމުރު ނެރުނީ އެފަދަ އަމުރުތައް ނެރުުމުގެ އުސޫލުތަކާ ހިލާފަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަހުމީ މަގާމުން ވަކިވެފައިވާ ކަމަށް މަޖިލީހުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ހުކުމާ ޚިލާފަށް އެ މަގާމަށް މީހަކު އައްޔަންކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމަކަށް ވާނެތީ އެކަން ހިނގުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް ބައެއް ފަނޑިޔާރުން އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށެވެ. ނަމަވެސް "އެފަދަ ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު ކަނޑައެޅިގެން އިންކާރުކުރައްވާފައި" ވާ ކަމަށް ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނިގޮތުގައި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވެ އެވެ. އަދި އެ މާއްދާއަށާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި، މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމްތަކާ ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންދާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެހެންކަމުން އެ މާއްދާ އަށާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ އަމުރު އެ ގޮތަށް ނެރުނީ ކަމަށް ބަޔާނުގައިވެ އެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ އަމުރު ނެރުނީ، ފަހުމީގެ މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމް ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ޚިލާފަށް އެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި ހުވާލައިދިނުމަށްޓަކައި އިއްޔެގެ 2:30 ގައި ރަސްމިއްޔާތެއް އޮންނާނެ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރު ނެރެފައި ވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީގެ އަޣުލަބިއްޔަތުންނެވެ. މީގެ ތެރެެއިން އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ވަނީ އުއްތަމަ ފަނޑިޔާރަށް ފާޑުވިދާޅުވެ ރާއްޖެ ޓީވީ އަށް ރޭ އިންޓަވިއުއެއް ދެއްވާފަ އެވެ. "އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާ ހިލާފަށް ނޫންތޯ ގެންދަވާފަ އޮތީ ... ހުވާލައިދޭކަށް ނުފޮނުއްވޭނުންތޯ؟ އުއްތަމަ ފަނޑިޔާރު އެގޮތަށް ހުކުމް ކުރައްވާފަ އޮތީ،" ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ފަހުމީގެ ބަދަލުގައި އެހެން މީހަކު އައްޔަން ނުކުރެވޭނެ ކަމަށް ފާހަގަކުރައްވަމުން އަބްދުﷲ ސައީދު ވިދާޅުވި އެވެ. "އެގޮތަށް ހުކުމް ކުރައްވާފައި ވަނިކޮށް ހުވާލައިދެއްވީމާ ކޮންތާކުތޯ ޖެހެނީ؟،" ފަހުމީ މަގާމުން ވަކިވި ކަމަށް ވާނީ ގާނޫނު އަސާސީގައިވާ ޕްރޮސީޖާއާ އެެއްގޮތަށް ކަންތަން ކުރުމުން ކަމަށް ފާހަގަކުރައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރަށް އެނގިވަޑައިނުގެން އަމުރު ނެރުއްވީ ކީއްވެތޯ ސުވާލުކުރުމުން އަބްދުﷲ ސައީދު ވިދާޅުވީ އަމުރު ނެރުނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމްތަކާއި އަމުރުތައް ނެރެނީ އަޣުލަބިއްޔަތުން ކަމަށާއި މި އަމުރު ވެސް ނެރުނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ