ހާމިދު ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ވެސް ހައި ކޯޓުން ތާއީދުކޮށްފި
ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހާމިދު މެލޭޝިއާ އިން ހައްޔަރުކޮށް، ރާއްޖެ ގެނައުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ އަމުރު ހާމިދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ އަމުރަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދު ކުރި އިރު އެ އަމުރުގެ މުއްދަތު މިއަދު ހަމަވާނެ އެވެ. ވައިބާ މެދުވެރިކޮށް ރައީސް ޔާމީނަށް މަރުގެ އިންޒާރު ދިނުމުގެ ތުހުމަތުގައި ހާމިދު ހައްޔަރުކޮށްފައި ހުއްޓަސް ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅޭ ބައެއް ހެކިތައް ނައްތާލަން އުޅުނު ކަމަށް ބުނެ ހާމިދު ދިރިއުޅޭ މ. ޝުރާ މަންޒިލް އެތައް ފަހަރެއްގެ މަތިން ފާސްކޮށްފައިވެ އެވެ. ހާމިދުގެ ބަންދަށް ހައި ކޯޓުން ތާއީދު ކުރި އިރު އޭނާއާ ގާތް ގުޅުމެއް އޮންނަ ކުރީގެ ނައިބު ރައީސް އަދީބު ބަންދުގައި ބަހައްޓަން ކުރި އަމުރަށާއި އަދީބާ ގާތް ގުޅުމެއް އޮންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދުކުރަން ނެރުނު އަމުރަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ