ރަން ވަނަ ހޯދާ ކުދިންގެ އިންތިޒާރުގެ ނިމުން މިރޭ

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނަށް ފަހު ދަރިވަރުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އައީ ނަތީޖާ ލިބޭނެ އިރަކަށެވެ. މާއްދާތަކުން ފާސްވޭތޯ ދުއާ ކޮށްލަކޮށްލާ ތިބި ކުދިން ގިނައިރު، ރަން ވަނަތަކަށް އުއްމީދުކޮށްގެން ތިބި ކުދިން ވެސް މަދެއް ނޫނެވެ. ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަހުގެ އިންތިޒާރަށް ފަހު އިމްތިހާނުގެ ނަތީޖާ ލިބުނީ މިދިޔަ ފެބުރުއަރީ އަދި މާޗު މަހުގެ ތެރޭގަ އެވެ. އިމްތިހާނުން ރަން ވަނަތައް ހޯދި ދަރިވަރުން މިހާރު ތިބީ، މުޅި ރާއްޖެ އަށް އަޑު އިވޭ ގޮތަށް، ސްޓޭޖް މަތިން އެ ކުދިންްގެ ނަންތައް އިއުލާނު ކޮށްލާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ގައިމު ވެސް އެ ކުދިންގެ އިންތިޒާރު މިރޭ ނިމޭނެ އެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއް މިރޭ އިއުލާނު ކުރާއިރު، 469 ދަރިވަރުން ސްޓޭޖް މަތިން އިނާމު ހޯދާނެ އެވެ. 2013 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ބައެއް ކުދިން ސްޓޭޖް މަތީގައި: މި ރެއަށް ގިނަ ދަރިވަރުން އިންތިޒާރު ކުރޭ-- ހަވީރު ފޮޓޯ "ވަރަށް އިންތިޒާރު ކުރި، ވަރަށް ދެެކެން ބޭނުންވި ވަގުތެއް މިއީ. އިމްތިހާނުގެ ނަތީޖާ ލިބުނީއްސުރެ އިންތިޒާރު ކުރަމުން މި އަންނަނީ ގަދަ ދިހައެއްގެ ނަތީޖާ އިއުލާނު ކުރާނެ ދުވަހަކަށް،" އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ ދެ ވަނައިގައި ހިމެނުނު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު މުހައްމަދު އަހުނަފް އިބްރާހިމް ބުންޏެވެ. އޭނާ ބުނި ގޮތުގައި އެންމެ އިންތިޒާރު ކުރީ ސްޓޭޖް މަތިން އެވޯޑް ހޯދައި، އެ އެވޯޑް މަންމަމެންނަށް ދައްކާލެވޭނެ އިރަކަށެވެ. "ވަރަށް އެކްސައިޓް ވެފައި މިހިރީ،" އެވޯޑާ ހަވާލު ވުމަށް މިހާރު މާލޭގައި ހުރި އެ ދަރިވަރު ބުންޏެވެ. އަމީނިއްޔާ ސްކޫލުން އޯލެވެލް ނިންމި ލަމްޔާ އިމްތިޔާޒްގެ ވެސް އިހުސާސްތައް ހުރީ މި ފަދަ ގޮތަކަށެވެ. 2013 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ބައެއް ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވޯޑު ހަވާލު ކުރައްވަނީ-- ހަވީރު ފޮޓޯ އޭނާ ބުނީ އެވޯޑް ހަފުލާ ކައިރިވާ ވަރަކަށް ނިދަން ވެސް އުނދަގޫވާ ކަމަށާއި މިއީ ގިނަ ދުވަސްތަކެއްގެ އިންތިޒާރުގެ ނިމުން ކަމަށެވެ. "އެވޯޑް ހަފުލާ އޮންނާނެ އިރެއް ހޯދަން އަބަދު ނޫސް ވެސް ބެލޭ. އެވޯޑާއެކު ސްޓޭޖް މަތީގައި މަޑުކޮށްލެވޭ މޮމެންޓް ވެގެން ދާނީ ވަރަށް ހަނދާނީ ވަގުތުކޮޅަކަށް،" ގަދަ ދިހައެއްގެ ދެ ވަނައިގެ އިތުރުން ދުނިޔޭގެ ގަދަ ދިހައެއްގައި ވެސް ހިމެނޭ ލަމްޔާ ބުންޏެވެ. ގަދަ ދިހައެއްގައި ރަށްރަށުގެ ސްކޫލުތަކުގެ ގިނަ ދަރިވަރުން ވެސް ހިމެނެ އެވެ. އެހެންވެ، މި ދުވަހާ ދިމާކޮށް ހުރިހާ ކުދިން ވެސް މާލެ އަންނައިރު، ހެދުން ފަހައި ވަރަށް ބޮޑަށް ތައްޔާރުވެ އެވެ. "ބޭނުންވަނީ ރައީސްގެ އަތްޕުޅުން އިނާމު ހޯދަން،" ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ދަރިވަރަކު ބުންޏެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ދައުލަތުގެ ގިނަ އިސް ވެރިންތަކެއް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 2013 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ބައެއް ދަރިވަރުން: މިދިޔަ އަހަރުގެ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް މިރޭ އިނާމު ދޭނެ-- ހަވީރު ފޮޓޯ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް އިތުރުވެ، ވަކި ވަކި މާއްދާތަކުން ހޯދި ނަތީޖާތައް ކުރީ އަހަރުތަކަށް ވުރެ ރަނގަޅެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާ އަށް ވުރެ ގިނަ އިން 52 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ. އޭގެ ކުރީ އަހަރު މި ނިސްބަތް އުޅެނީ 49 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ އިމްތިހާނުގައި 194 ސްކޫލަކުން، 7،202 ދަރިވަރުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ