މައުމޫން ކަމެއްކޮށްގެން މޭކަރާނެ ބަޔަކު މި ރާއްޖެއަކު ނެތް: ރީކޯ މޫސަ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމެއް ކުރައްވައިގެން މޭކަރާނެ ބަޔަކު މި ރާއްޖެއަކު ނެތް ކަމަށާއި އެމަނިކުފާނުގެ އަތްދަށުން ޑީއާރުޕީ ސަލާމަތްވި ކަމަށްޓަކާ އުފާކުރުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައި ވަނީ، ސިންގަޕޫރުގައި ހުންނަވައިގެން މޫސަ ރޭ އެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި، މައުމޫނު ދެކެ ބިރު ގަންނަ ބަޔަކު ވެސް މިހާރަކު ނޫޅޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. "މައުމޫނު އެ ހަދަން އުޅޭ ޕާޓީ އަށް ވަންނަ މީހުންގެ އަދަދުން އޭނަގެ ހަގީގީ ސައިޒް އެނގި ދިވެހިރައްޔިތުންގެ ކުރިމަތީގައި އޭނަ ވަރަށް ރަގަޅަށް މި ފަހަރު ބަރަހަނާވާނެ،" މޫސަ އާ ހަވާލާދީ އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި ވެ އެވެ. މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އަކީ އާއިލީ ވެރިކަމަކަށް އުފައްދާ ޕާޓީއެއް ކަމަށް ވެބްސައިޓްގައި ވެ އެވެ. އަދި މޫސަ ވިދާޅުވި ކަމަށް ވެބްސައިޓްގައި ބުނެފައި ވަނީ "ޕީއޭގެ ނަމާ ގުޅުވައިގެން ޕްރޮގްރެސިވް ޕާޓީގެ ނަމުގައި މައުމޫނު ހަދަން އެ އުޅޭ ޕާޓީ ބޮޑަށް ވައްތަރީ ގޭންގަކާ" ކަމަށެވެ. "މައުމޫނު ކަހަލަ ދިވެހި އެތައް ރައްޔިތެއްގެ މަރުގެ ކައްފާރާ ބޮލުގައި އެޅިފައިވާ ކަމަށް ތުހުމަތު ކުރެވި އަދި ދިވެހި ދައުލަތު މުދަލާއި ފައިސާ އަށް އެތައް ސަތޭކަ މިލިޔަން ޑޮލަރަކުން ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ބޮލުގައި އެޅި ސިޔާސީ މައިދާނުން މުޅިން ފޭލްވެފައިވާ މީހަކާ ބައިވެރިވެގެން ސިޔާސީ ހަރަކާތެއް ހިންގާނޭ ބަޔަކު މިރާއްޖޭގައި ނޫޅޭނޭ،" ވެބްސައިޓްގައި ވެ އެވެ. "މައުމޫނަކީ ދިވެހި އެތައް ރައްޔިތެއްގެ މަރުގެ ތުހުމަތާއި، 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރި އާއި، އެނޫންވެސް ދައުލަތުގެ މުދަލާއި، ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ ސިޔާސީ ގޮތުން ބޮޑު ބައްޔަކުން ބަލިވެ ފޭލްވެފައިވާ މީހެއް. ދެން ކާކުތޯ އޭނަގެ ފަހަތުން ސިޔާސީ ހަރަކާތެއް ހިންގަން ނިކުންނާނީ. ހަމަ ޔަގީނުން ވެސް އޭނަގެ ވެރިކަމުގައި ނާޖާއިޒް ފައިދާ ހޯދައިދީފައިވާ މަދު ބަޔަކު މެނުވީ ސިޔާސީ ގޮތުން އެފަދަ ޅަ އެއްޗެއް ނާޅާނެ. އަމުދުން ސިޔާސީ ދާއިރާ އިން ކުރިޔަށްދާން ބޭނުންވާ މީހަކު މައުމޫނުގެ ފަހަތުން ދާން ހިތަށް ވެސް ނާރުވާނެ." މޫސަ ވިދާޅުވެފައިވާ ކަމަށް ވެބްސައިޓްގައި ބުނެފައި ވަނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ކުރިމަރާލުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް މޫސަ ގޮވާލައްވާ ކަމަށެވެ. "އަޅުގަނޑު ހަމަ ވަރަށް ޔަގީން ކަމާ އެކު މިބުނަނީ އެމްޑީޕީގެ މެންބަރުންގެ އަދަދު 47،000 އަށް ވުރެ މަތިވެފައިވާ އިރު، އަދި ޑީއާރުޕީގެ މެންބަރުންގެ އަދަދު 37،000 ގައި އުޅޭ އިރު، މައުމޫނު އެ ހަދާ ގޭންގަށް ވަންނާނޭ ބަޔަކު ނުވެ، މައުމޫނުގެ އަސްލު ސައިޒް މި ފަހަރު ދިވެހިރައްޔިތުންނަށް ވަރަށް ރަގަޅަށް ދައްކާލާނަން،" މޫސަ ވިދާޅުވި ކަމަށް ވެބްސައިޓްގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ