ޓެކްސްގެ ބޮޑު ނިޒާމަށް ރައްޔިތުން ތައްޔާރުތަ؟

އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވިޔަފާރީގެ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފަށާނެ އެވެ. މިއީ ކޯއްޗެއް ހެއްޔެވެ؟ މި ޓެކްސް ނެގެނީ ކިހިނެއް ހެއްޔެވެ؟ މި ޓެކްސް ނަގަން ފަށައިފިއްޔާ މުދަލުގެ އަގަށް ބަދަލުތަކެއް އައިސް އިންފްލޭޝަން އުފުލިދާނެ ހެއްޔެވެ؟ ޖީއެސްޓީގެ މިންވަރުތަކަކީ ކޮބައިހެއްޔެވެ؟ ޖީއެސްޓީގައި ރަޖިސްޓްރީ ކުރަން ޖެހެނީ ކޮންކަހަލަ ވިޔަފާރިތަކެއް ހެއްޔެވެ؟ ޖީއެސްޓީ ނަގާއިރު ވިޔަފާރިވެރިން ފިހާރައިގައި ކުރަން ޖެހެނީ ކޮން ތައްޔާރުތަކެއް ބާއެވެ؟ މި ހުރީ ހައްތާ ވެސް ސުވާލެވެ. މިކަމުގެ ތެރޭގައި އުޅޭ މަދު ވިޔަފާރިވެރިއަކަށް އެނގުނަސް އެ ސުވާލުތަކުގެ ޖަވާބު ގިނަ އާންމުންނަށާއި ގިނަ ވިޔަފާރިވެރިންނަކަށް ނޭނގެ އެވެ. ހަގީގަތަކީ، ވާނުވާ ނޭނގިގެން އުޅޭ އެތައް ބައިވަރު ބަޔަކު އުޅޭ ކަމެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިހާރު އަންނަނީ ޖީއެސްޓީއާ ބެހޭ ގޮތުން ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމުގެ ކޮންމެވެސް ވަރެއްގެ ހަރަކާތްތަކެއް ހިންގަމުންނެވެ. ދާދިފަހުން ދަރުބާރުގޭގައި ވެސް އޭގެ ސެޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ. އެހެން ނަމަވެސް، މި ކެމްޕޭނަކީ ސީދާ ދޮރުން ދޮރަށް، ފިހާރަތަކަށް ގޮސްގެން ފިހާރަތަކުގެ ވެރިންނާއި މުވައްޒަފުންނަށް މައުލޫމާތު ދޭން ޖެހޭ ކަމެކެވެ. މިއީ، މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ޖެހެ ހަރަކާތެކެވެ. ސަބަބަކީ، މިކަން އޮންނަ ގޮތް ނޭނގިގެން ޖީއެސްޓީ އަށް ފަރުވާކުޑަކުރެވި ނުވަތަ ޖީއެސްޓީ ދައްކަން ޖެހޭ ބާވަތަކުން އޮޅުމެއްގެ ތެރޭގައި ނުދެއްކި އޮތަސް އެއީ ގާނޫނީ ބޮޑު ކުށަކަށް ވާތީ އެވެ. ޓެކްސްގެ ގާނޫނު އައިސް، އެ ގާނޫނަށް މަހެއްގެ ތެރޭގައި އަމަލުކުރަން ފެށުން އަވަސް ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމަކަށް ވެފައި މިކަމަށް ރައްޔިތުންނާއި ގައުމުގެ އިގްތިސާދު ތައްޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނަމުން ދެ އެވެ. އެހެން ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ޓެކްސް ނަގާށެވެ. ސަރުކާރުން ދެކެނީ ޖީއެސްޓީ ނަގަމުން ދާއިރު މީހުން ހޭލުންތެރިވަމުން ދާނެ ކަމަށެވެ. ޖީއެސްޓީއާ އެކު އެހެނިހެން ބައެއް ޓެކްސްތައް ވެސް ހުރީ ތައްޔާރަށެވެ. އެ ޓެކްސްތައް ވެސް މުސްތަގުބަލުގައި ނެގެމުން ދާނެ އެވެ. ޓޫރިޒަމް ދާއިރާއިން މިހާރު ވެސް ޓެކްސްތަކެއް ނެގެމުން ދެ އެވެ. އެހެން ނަމަވެސް، ޖީއެސްޓީ އާއި އިންކަމް ޓެކްސް އަކީ ސީދާ ރައްޔިތުންގެ ޖީބުން ކުރަން ޖެހޭ ހޭދައަކަށް ވާތީ ރައްޔިތުން ވަރަށް ރަނގަޅަށް ހޭލުންތެރި ކުރުވަން ޖެހެ އެވެ. އެ ޓެކްސްތައް ނެގެނީ ކީއްވެ ކަމާއި އެ ފައިސާ ހޭދަކުރެވޭ ގޮތް ރަނގަޅަށް ކިޔައިދޭން ޖެހެ އެވެ. އެއީ އެންމެ ބައްދަލުވުމަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ