މިއީ ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަންްވީ ވަގުތު: ތަރުޖަމާނު

އައިޖީއެމްއެޗް ގައި އޮތް މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ހުރި ލޭ އެޅި މައްސަލައިގެ ސިޔާސީ ފައިދާ ނެގުމުގެ ބަދަލުގައި ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ "ހަވީރަ"ށް ވިދާޅުވީ މިއީ މުޅި ގައުމަށް ވެސް ކުރިމަތިވި ވަރަށް ފުން ހިތާމައެއް ކަމަށެވެ. އެ ޚަބަރު ރައީސް އަބްދުﷲ ޔާމީން ވެސް އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކަށް އެފަދަ ކަމެއް ކުރިމަތިވުމަށް އެ މަނިކުފާނާއި ސަރުކާރުން ވެސް ނޭދޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ރައީސް ގެންދަވަނީ ވަރަށް ކައިރިން މި މައްސަލަ ބައްލަވައި، މިކަމާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅުތަކާ މެދު ހެލްތު މިނިސްޓްރީ އަށް އިރުޝާދާއި އެހީތެރިކަން ދެއްވަމުން،" މި މައްސަލާގައި ރައީސްގެ ފަރާތްޕުޅުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވި އެވެ. މި ހާދިސާގެ ފައިދާ ބައެއް ސިޔާސީ ފަރާތްތަކުން ނަގަމުންދާ ކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ކުރިމަތިވި ހިތާމައެއްގެ ފައިދާ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ބޭނުމަށް ނެގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މިއީ އެ އާއިލާ އަށް ލިބުނު ހިތާމައިގައި ބައިވެރިވެ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ގުޅިގެން މަސައްކަތްކުރަންވީ ވަަގުތު ކަމަށް އޭނާ ވިދާޅުވި އެވެ. މުއާޒް ވިދާޅުވި ގޮތުގައި ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކުން ވަނީ ސިއްހީ ދާއިރާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ފާހަގަކޮށްފަ އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލުކޮށް، މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތްކުރުމަކީ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ވެސް ޒިންމާއެއް ކަމަށެވެ. "މި ހިތާމަވެެރިކަން ކުރިމަތިވި ފަރާތުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް، ކޮންމެ ގައުމަކުން ކުރަން ޖެހުނު ނަމަވެސް ކުރާނީ ސީދާ ސަރުކާރުން. އަދި މިފަދަ ކަމެއް ތަކުރާރު ނުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނަން،" ތަރުޖަމާނު ވިދާޅުވި އެވެ. އެޗްއައިވީ ހުރި މީހާގެ ލޭ އެޅުމުގައި އިހްމާލުވި ކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަން ވެސް ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލަ ފުލުހުން ތަހްގީގުކުރަމުން ދިޔަ ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި އެޗްއައިވީ ހުރި މީހެއްގެ ލޭ، މީހެއްގެ ގަޔަށް އަޅާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި އެ ލޭގެ ސަބަބުން އެ މީހާގެ ގަޔަށް ވެސް އެޗްއައިވީ އަރާފައިވާކަން އެނގުނީ މި މަހުގެ 19 ގައި އެމީހާ ޓެސްޓްކުރުމުން ކަމަށް ވެސް ޑރ. ހަބީބު ވިދާޅުވި އެވެ. އެ އަންހެން މީހާގެ ލެ އަށް ވެސް އެޗްއައިވީ އިންފެކްޓްވެފައިވާކަން އެނގުނީ، މާބަނޑު އަންހެނުން ރޫޓިންކޮށް ހަދަންޖެހޭ ލޭގެ ޓެސްޓް ހެދުމުންނެވެ. އެކަން އެނގުމުން، އެ މައްސަލަ ބެލުމަށް ހާއްސަ ތަހްގީގީ ޓީމެއް އުފެއްދި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ