މަލާލާގެ 18 ވަނަ އުފަން ދުވަސް ސީރިއާގެ ސްކޫލް ކުދިންނާ އެކު

ލަންޑަން (ޖުލައި 13) - ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައީގެ 18 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަކުރި އިރު ސީރިއާގެ ކިޔަވާ ކުދިންނާ އެކު އޭނާ ވާކަން ހާމަކޮށްފި އެވެ. އުމުުރުން 18 އަހަރު ފުރި ބޮޑު މީހަކަށް މަލާލާވުން ފާހަގަ ކުރުމަށް އޭނާ އިއްޔެ ވަނީ ސީރިއާ އާއި ލުބުނާން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ރެފިއުޖީން ދިރިއުޅޭ ކޭމްޕަކަށް ޒިޔާރަތް ކޮށްފަ އެވެ. އަދި އެ ތަނުގައި އޭނާ ވަނީ ރެފިއުޖީ ކުދިންނަށް ސްކޫލެއް ވެސް ހުޅުވައިދީފަ އެވެ. "ސީރިއާގެ ހިތްވަރުގަދަ ކިޔަވާ ކުދިންނާ އެކު އަޅުގަނޑުގެ 18 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" މަލާލާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މަލާލާ ބުނީ ހަނގުރާމަތަކުގެ ސަބަބުން ކިޔަވާން ދާން ދަތިވެފައިވާ ހިތްވަރު ގަދަ ކުދިންނާ އެކު ވާކަން ދެއްކުމަކީ އޭނާގެ ވާޖިބެއް ކަމަށެވެ. އަދި ސީރިއާގެ ކިޔަވާ ކުދިންގެ މަތިން ދުނިޔޭގެ ލީޑަރުން އިހުމާލުވެފައިވާ ކަމަށް ބުންޏެވެ. ސީރިއާގެ 1.2 މިލިއަން ރެފިއުޖީން ލުބުނާނުގައި ދިރިއުޅެ އެވެ. އަންހެން ކުދިންގެ ތައުލީމަށް ބާރު އެޅުމުގެ މަސައްކަތުގައި އުޅެނިކޮށް މަލާލާގެ ބޮލަށް ތާލިބާނުން ވަނީ އޮކްޓޯބަރު 2012 ގައި ބަޑި ޖަހައިފަ އެވެ. ފުރާނަ އަށް ނުރައްކާވި އެ ހަަމަލާ އިން މަލާލާ ސަލާމަތް ކުރުމަށް ވަނީ އިނގިރޭސި ވިލާތަށް ގެންގޮސް ފަރުވާ ދީފަ އެވެ. އޭނާ މިހާރު ދިރިއުޅެނީ ވެސް އިނގިރޭސި ވިލާތުގަ އެވެެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ