ޔާމީން ހައްޔަރުކޮށްފައި ހުރުމުން ސަރުކާރާ އެކު މަޝްވަރާކުރެވޭ ފަދަ މާހައުލެއް ނެތް: އިދިކޮޅު އިއްތިހާދު

އިދިކޮޅު ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ މުހިންމު އެއް ބައިވެރިއެއް ކަމަށްވާ ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފައި ހުރުމަކީ، ސަރުކާރާ އެކު މަޝްވަރާކުރުމަށް އެކަށީގެންވާ ފަދަ މާހައުލެއް ނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ފަރާތުން މިއަދު ބުނެފި އެވެ.
އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން ޑީއާރްޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މިއަދު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ސަރުކާރާ އެކު ވާހަކަ ދައްކަން އިދިކޮޅު ޕާޓީތައް ތައްޔާރަށް އޮތް ކަމުގައި ވިޔަސް، އެ އިއްތިހާދުގެ މުހިންމު ބައިވެރިއަކު ސަރުކާރުން ބަންދުކޮށްފައި ހުރުމުން އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކުރެއްވޭނެ ކަމަށެވެ.
ގާސިމާއި ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތައް އޮތީ، ޔާމީން މިނިވަންކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށެވެ. އަދި އެ ކަމުގައި ދުލެއް ނުދެއްވާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުގެ މި މަސައްކަތުގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ ޕާޓީއެއްގެ އިސް ބޭފުޅަކު ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށްފައި ހުރީމާ އެއީއަކީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް އެޅޭ ބާރަކަށް ހަމަގައިމު ވެސް ނުވާނެ. އެއީ އެ ކަމަށް އޮތް އެންމެ ރަނގަޅު މާހައުލެއް ނޫން،" ހަވީރުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ތަސްމީން ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާއަކަށް ދާއިރު، އެ މަޝްވަރާތަކުގައި ބައިވެރިވާންޖެހޭ އެއް ބޭފުޅަކު ސަރުކާރުގެ ބަންދެއްގައި ހުރުމަކީ ވާހަކަތައް ގެންދަން ފަސޭހަވާނެ މާހައުލެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވާނެ ދެއްތޯ އަޅުގަނޑުމެން ވާހަކަ ދައްކަން ދާއިރު މި ދެންނެވި ހަތަރު ލީޑަރުން ]ޔާމީން، ގާސިމް، ތަސްމީން، ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު[ ވެސް ތިބެގެން ވާހަކަ ދެއްކުމުގެ ކަންތައް ދިޔައިމާ ސުލްހަވެރިކަމާއި އޮމާންކަމާ އެކީގައި އެކަން ކުރެވޭނީ. މިކަން ޔަގީން ދިވެހި ސަރުކާރުން ވެސް ގަބޫލުކުރަންޖެހޭނެ ކަން،" ގާސިމް ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސިފައިން ޔާމީން ހައްޔަރުކޮށް އާރަށުގައި ބަންދުކޮށްފައި ހުރީ ގާނޫނީ އިމުގެ ބޭރުން ކަމަށާއި، ޔާމީން ހައްޔަރުކުރުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ސިފައިންނަށް ނޯންނާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަންދުގައި ތިބި ނަމަ އަޅުގަނޑުމެން ކުރާ ވަރަށް ހަމަ އެ މަަސައްކަތުގައި ]ޔާމީން މިނިވަންކުރުމުގައި[ އަޅުގަނޑުމެން ސާބިތުވެ ތިބޭނަން. ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ހަގީގަތުގައި ވާހަކަ ދައްކައިގެން ހައްލަކަށް އައިސް ކަންކަން ހަމަޖެހިގެން ދާނީ ގާނޫނުގެ އިމުގެ ތެރެއިން ކަންތައްކުރެވޭނެ ގޮތަކަށް ހަމަޖެހިގެން ދިޔައިމާ،" ތަސްމީން ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނުގެ އިމުގެ ބޭރުން ކަންތައް ހިނގަމުންދާ އިރު އެ ބޭފުޅުން އަތް އުރާލައިގެން ނުތިއްބަވާނެ ކަމަށެވެ. އަދި ޔާމީން މިހާރު ހުންނެވި ސިފައިންގެ ބަންދުން މިނިވަންކުރުމަށްޓަކައި ގާނޫނުގެ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއްކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށްގެން ކަންތައް ހައްލުކުރުމަށާއި މެދުވެރިއެއްގެ ދައުރު ގަބޫލުކުރުމަށާއި ގާނޫނުގެ ވެރިކަން ހިންގުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ގޮވާލާފައިވާ ގޮވައިލުމަށް އިދިކޮޅު ފަރާތްތަކުން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ވާހަކަ ދައްކައިގެން ކަންތައް ހައްލުކުރުމުގެ މާހައުލެއް އުފެއްދުމުގެ ބަދަލުގައި ސަރުކާރުން އަމަލުކުރަމުން ދަނީ ވާހަކަ ދައްކައިގެން ހައްލުނުކުރެވޭ ވަރަށް މާހައުލު ގޯސްކުރަމުން ކަމަށާއި މަޝްވަރާކުރުމަށް ސަރުކާރުގެ މިހާތަނަށް އެއްވެސް އިޝާރާތެއް ވެސް ކުރައްވާފައިނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސިފައިން، ޔާމީން ހައްޔަރުކުރުމުން އިދިކޮޅު ފަރާތްތަކުން ދަނީ އެއް ޓީމެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރަމުން ކަމަށާއި އިދިކޮޅު ޕާޓީތަކަކީ "ޓީމަށް ކުޅޭ މީހަކަށް ނިކަމެތި ކަމެއް ދިމާވީމާ، އެ މީހަކާ ދޭތެރޭ އަނިޔާވެރިކޮށް ކަންތައް ކުރީމާ، އެ ދޭންޖެހޭ ސަޕޯޓް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ބައެއް" ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއި އިހްތިރާމާ އެކީ ދަންނަވާލަން އޮތީ ގޮތް ދޫކޮށްފައި އަޅުގަނޑުމެން ހުރިހާ ފަރާތަކުން ވެސް ވާހަކަ ދައްކަން މިތިބަ ތިބުމާ އެއްގޮތަށް ސަރުކާރުން ވެސް އެގޮތަށް އެ ވިސްނުންފުޅު ބަދަލުކުރައްވައި އަޅުގަނޑުމެން އައުމަކީ މި ގައުމުގެ މަސްލަހަތާއި އަމާންކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހިއްޖެ ކަމެއް." ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވައިލައްވަމުން ގާސިމް ވިދާޅުވި އެވެ.
"އެ މަނިކުފާނު ވެސް މިފަދަ ހާލަތެއްގައި ]ހައްޔަރުކޮށްފައި[ އިން ދުވަސް ވެސް އައިކަން ހަނދުމަފުޅު ބަހައްޓަވައިގެން އެ ދުވަހުގެ ސަރުކާރުން ކަންތައް ކުރެއްވި ގޮތް ވެސް ހިތްޕުޅު މައްޗަށް ގެންނަވައި މި ގައުމުގެ ކުރިމަގަށް މަސައްކަތް ކުރެއްވުމަށްޓަކައި ކުރަންވަންޖެހުނު ކަމެއް އިހުލާސްތެރިކަމާއި އިހްސާންތެރިކަމާ އެކުގައި ކުރައްވަން އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނެ." ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މި ދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ހަމަނުޖެހުމަށް ފަހު، ސިފައިންގެ ބެލުމުގެ ދަށަށް ޔާމީން ގެންދިޔައީ އޭނާ އަށް ހިމާޔަތްދިނުމަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތަކަށާއި މިއަދު އޮތް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވެސް ޔާމީން ހާޒިރުކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ