މަރާލާނަމޭ ބުނެ ކިތަންމެ ފޮޓޯއެއް ހިއްޕިޔަސް ބިރެއްނުގަނޭ: ގާސިމް

މަރާލާނެ ކަމަށް ބުނެ ކިތަންމެ ގިނަ ފޮޓޯއެއް ތަންތާނގައި ހިއްޕިޔަސް އަދި އިންޒާރުގެ އެސްއެމްއެސް ލިބިވަޑައިގަތަސް ބިރުނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު "ނިޒާމުން ގެއްލުވާލާފައިވާ" މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު އެމްއެމްއޭ ސަރަހައްދުގައި ބާއްވާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ގާސިމް ރޭ ވިދާޅުވީ، "އަޅުގަނޑުމެންގެ މަރުވަނީ އަޅުގަނޑުމެން ހެއްދެވި ފަރާތުގައި" ކަމަށާއި މަރުގެ އިންޒާރުތަކަށް ބިރު ނުގަންނަ ކަމަށެވެ.
"އެހެންވީމަ އެއްވެސް ދިވެހި ރައްޔިތަކު ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. މިއަދު ފަހަތަށް ޖެހިވަޑައިގެންފިއްޔާ އޭގެ މާނަ އަކީ، އަޅުގަނޑުމެންގެ ހައްގުތައް އަޅުގަނޑުމެންގެ އަތުން ބީވެ، އަޅުގަނޑުމެންގެ ގައުމު ވެސް އަޅުގަނޑުމެންނަށް ގެއްލިގެންދާނީ. އެހެންވީމަ މި އަޒުމްގައި އަޅުގަނޑުމެން އީމާންތެރިކަމާ އެކުގައި މަސައްކަތްކުރަމާ ހިންގަވާ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ތިބީ ގާނޫނީ، ދުސްތޫރީ ހަޔާތެއް މި ގައުމަށް ބިނާކުރުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި ހުރި އެއްޗަކާއި އަޅުގަނޑުމެންގެ ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށޭ."
ގާސިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ވެރިންނަށާއި ސިފައިންނާއި ފުލުހުންނަށް ބިރުދައްކަން އެއްވެސް ފަރާތަކުން މަސައްކަތްކުރިޔަސް އެކަމާ ޖެހިލުންވެގެންނުވާނެ ކަމަށެވެ.
"ތިޔަ ބޭފުޅުންނަށް އޮތް ގާނޫނާއި ގާނޫނީ ހުދޫދުގެ ތެރެއިން ތިޔަ ބޭފުޅުން މަސައްކަތްކުރައްވާށޭ. އާދޭސްކޮށްފައޭ މި ދެންނެވީ އެއީއޭ މި ގައުމުގެ ސަލާމަތާއި އަމާން ކަމަކީ. ތިޔަ ބޭފުޅުންނާއި ތިޔަ ބޭފުޅުންގެ އަނބިދަރިންނާއި އަދި އަޅުގަނޑުމެންގެ މައިންބަފައިންނާއި އަދި އަޅުގަނޑުމެން ވެސް ސަލާމަތްވެ ތިބެވޭނީ މި ދެންނެވި ގޮތުގައޭ. އަޅުގަނޑުމެންގެ ގައުމުގެ އިގުތިސާދު ބިނާކުރެވިގެންދާނީ މި ދެންނެވި ގޮތުގެ މައްޗަށޭ. އެނޫން އެހެން ގޮތަކަށް މި ކަންތައް ދާ ކަމަށްވާ ނަމަ އަޅުގަނޑުމެންގެ ގައުމު ފުނޑުފުނޑުވެ އަޅުގަނޑުމެންގެ އިގުތިސާދީ ހަޔާތް ހަލާކުވެ އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމު ވެއްޔާ މޮޑެވިގެން ދިޔައީމަ އަޅުގަނޑުމެންނަކީ ތާކުންތާކުޖެހޭ ބައެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ