ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(ގެ ރިއާސީ ކެންޑިޑޭޓް ހޮވުމުގެ ރޭހުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު، ޕާޓީގެ ރިއާސީ ކެންޑިޑޭޓަކަށް ވާނެ ބޭފުޅެއްގެ ވާހަކަ ޕްރައިމަރީގެ ކުރިން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތްކުރައްވާ ޕީޕީއެމްގެ ފުރަތަމަ ޖަގަހަ ހުޅުވުމަށާއި "އަހަރެން ވެސް ޕީޕީއެމް" ނަމުގައި މެމްބަރުން އިތުރު ކުރުމުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ "[ޕީޕީއެމް އަކީ] ވަކި މީހަކު ރައީސް ކަމަށް ގެންނަން އުފައްދާ ޕާޓީއެއް ނޫން،" ކަމަށެވެ. އެހެންވުމާއެކު، ރިއާސީ ޕްރައިމަރީގެ ކުރިން "އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުރިހާ މެމްބަރުން ވެސް ބޭނުންވާނީ ރައީސް ކަމަށް ކުރިމަތިލާ މީހަކީ މިނިވަން ޕްރައިމަރީއަކުން ހޮވޭ މީހަކަށްވާން. ޕްރައިމަރީ ބޭއްވޭނެ ދުވަހެއް ވެސް ނޭނގޭ. އޭގެ ކުރިން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން ވިދާޅުވި އެވެ.
ރައީސްކަމުގެ ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މި ޕާޓީއަކީ އެއްގޮތަކަށް ވެސް ވަކި މީހަކަށްޓަކައި ވަކި ބަޔަކަށްޓަކައި އުފައްދާ ޕާޓީއެއް ނޫން. ވަކި މީހަކު ކުރިއަށް ގެންދަންވެގެން، ވަކި ބަޔަކު ނަގަންވެގެން ކުރާ މަސައްކަތެއް ނޫން މިއީކީ. އަދި މި ޕާޓީއަކީ ވަކި މީހަކާ ދެކޮޅަށް ވަކި ޕާޓީއަކާ ދެކޮޅަށް ކުރާ މަސައްކަތެއް ވެސް ނޫން. މިއީ ދިވެހި ގައުމަށްޓަކައި ފާގަތި މުސްތަގުބަލަކަށްޓަކައި ހުރިހާ ރައްޔިތުންނަށްޓަކައި އުފައްދާ ޕާޓީއެއް،" މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީ ދޫކުރައްވައި އެހެން ޕާޓީއެއް އުފެއްދެވުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށާއި ނަމަވެސް "މާޒީގެ ވާހަކަ ދެން މާ ގިނައިން ދައްކާނެ ކަމެއް ނެތް" ކަމަށާއި "އެ އޮތީ ވީކަމެއް ވިއްޔާވެފައި، ނުވާ ކަމެއްވިއްޔާ ނުވެ" ކަމަށް މައުމޫން ވިދާޅުވި އެވެ.
"ދެން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެ. އެއީ ތާރީހް. ތާރީހަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މިހާރު ވާހަކަ ދައްކަން ރައްޔިތުން ތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރެވޭ ގޮތްތަކާއި އިގްތިސާދާއި އިޖުތިމާއީ ހާލަތު ރަނގަޅުކުރާނެ ގޮތާއި ސުލްހަ މަސަލަސްކަން އަލުން އަނބުރާ ގެންނާނެ ގޮތްތަކާ އަދި ކުށްކުރުން މަދުކުރެވޭނެ ގޮތްތަކާ މެދު ކަމަށް މައުމޫން ވިދާޅުވި އެވެ.
ރިއާސީ ކެންޑިޑޭޓަކަށް ވާނެ މީހެއްގެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ