ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައި ނާޖާއިޒް ފައިދާ ހޯއްދަވައިދެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ލަސް ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ ބުރާސްފަތި ދުވަހު އަންގަވައިފި އެވެ.
އެ މައްސަލަ ލަސް ނުކުރެއްވުމަށް ގާޒީ އަބްދުﷲ ދީދީ އެންގެވީ މި މައްސަލައިގައި ދައުވާ ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށާއި ހަމީދުގެ ވަކީލަށެވެ. ހަމީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން އެ މައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅާފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގަ އެވެ. ނަމަވެސް ހަމީދުގެ ޝަރީއަތް ކޯޓުގައި ހިނގާތާ އެއް އަހަރުވެފައިވާއިރު ވެސް އިޖްރާއީ ކަންތައްތަކާ ހުރެ އެ މައްސަލަ ކުރިއަށް ދާ ގޮތެއް ނުވެ އެވެ.
ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަމީދުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިތޯ ބެލުމަށް ދިފާއީ ވަކީލު އަލީ ހުސެއިން އެދިވަޑައިގަތުމުން މިހާރު ދައުލަތުން އެކަން ސާފުކޮށްދެއްވާފައިވާ ކަމަށެވެ. ދިފާއީ ވަކީލު އަލީ ހުސެން އާއި ދައުލަތުގެ ވަކީލާ ޖިހާދާ އަނީސް އެކަމާ ވާހަކަ ދައްކަވަން އުޅުއްވުމުން ގާޒީ ވިދާޅުވީ އެކަމާ އިތުރަށް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން މައްސަލަ ލަސް ކުރުމަށް މަސައްކަތް ނުކުރައްވައި ޝަރީއަތަށް އެހީތެރިވުމަށް ގާޒީ އެންގެވި އެވެ.
އެ ޝަރީއަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ހަމީދުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ނިންމިތޯ ސާފު ކުރުމަށް ގާޒީ އެންގުމުން އެކަމާ ގުޅިގެން ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އެ ސިޓީގައި އެޓޭޗްކޮށްފައިވާ އޭސީސީގެ ސިޓީއެއް ގާޒީ ޝަރީއަތަށް އިއްވެވި އެވެ. އޭގައި ވަނީ ހަމީދުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައި ވަނީ އޭސީސީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ދިފާއީ ވަކީލު ވިދާޅުވީ އޭސީސީގެ ސިޓީގައި އެހެން އޮތް ނަމަވެސް ހަމީދުގެ މައްސަލަ އޭރު އޭސީސީން ޕީޖީ އޮފީހަށް ފޮނުވަން ނިންމިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ނިންމުން ހުށަނާޅަނީސް، އެ ވާހަކަތަކާ މެދު ޝައްކު އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މިހާރުގެ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު (އޭރު މެންބަރެއް ނޫން) އެ މައްސަލަ ދިރާސާކޮށްފައި ވަނީ އޭސީސީން ހަވާލުކޮށްގެންކަން އެނގޭކަށް ވެސް ނެތް ކަމަށެވެ.
ވަކީލު އެހެން ވިދާޅުވި ނަމަވެސް ގާޒީ އެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވައި ވިދާޅުވީ އަސްލު މައްސަލައާ ގުޅިގެން ދައްކަވަން ހުރި ވާހަކަތައް ދެއްކެވުމަށެވެ. އެކަމަކު އަލީ ހުސެއިން ވިދާޅުވީ މައްސަލައާ އެކު ދައުލަތުން ހުށަހަޅާފައިވާ އިނގިރޭސި ލިޔުންތަކުގެ ތަރުޖަމާ ހުށަނާޅަނީސް ދައުވާ އަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ. އެ ތަރުޖަމާތައް ހުށަހެޅުމަށް ފުރުސަތަކަށް އެދިވަޑައިގަންނަވުން ދައުލަތުގެ ވަކީލާ ވިދާޅުވީ ވަރަށް އަވަހަށް އެކަންތައް ނިންމަވާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ ތަރުޖަމާތައް ވެސް އެކަށީގެންވާ މުއްދަތެއްގައި ހުށަހެޅުމަށް އަމުރު ކުރައްވައިފަ އެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތުމަށް ފަހު އެމްޑީޕީ އަށް ސޮއި ކުރައްވައި އެ ޕާޓީން ވެސް މިހާރު ވަކިވެވަޑައިގެންފައިވާ އަބްދުލްހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މުނިސިޕަލްޓީ އަށް ބޭރުން ގަނެގެން ރާއްޖެ ގެނައި "އުފުލި- 5" ގެ މައްސަލައިގަ އެވެ. އެ އުޅަނދު ގެނައުމުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ކުރައްވާފައިވާ ކަމުގެ ތުހުމަތު އަބްދުލްހަމީދުގެ ބޮލުގައި އެޅިފައިވެ އެވެ.
އިސްމާއިލް އަބްދުލްހަމީދުގެ ޝަރީއަތް ލަސް ނުކުރުމަށް ގާޒީ އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ