ޕީޕީއެމް އަކީ އިސްލާމްދީނަށް ޓަކައި އުފައްދާފައިވާ ޕާޓީއެއް: މައުމޫން

ޕީޕީއެމް އަކީ އިސްލާމްދީނަށް ޓަކައި އުފައްދާފައިވާ ޕާޓީއެއް ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗްގައި އެ ޕާޓީން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ އިސްލާމްދީނަށް ޓަކައި އުފެދިފައިވާ ޕާޓީއެއް ކަމަށާއި އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ އިސްލާމްދީނުގެ ބަސް މަތިކުރުމަށް ކަމަށެވެ.
މައުމޫން ވިދާޅުވީ އިސްލާމްދީނުގެ ބަސް މަތިކުރުމަށް ޓަކައި ޕީޕީއެމުން ކުރާ މަސައްކަތްތައް ރޯދަމަހު ވެސް ކުރަން ޖެހޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ރޯދަމަސް އައުމުން ނުކޮށް ދޫކޮށްލަންވީ ކަމެެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޕާޓީއަކީ އިސްލާމްދީނަށް ޓަކައި އުފެދިފައިވާ ޕާޓީއެއް. އަޅުގަނޑުމެން ޕީޕީއެމުން މަސައްކަތް މިކުރަނީ އިސްލާމްދީނަށް ޓަކައި. އިސްލާމްދީނުގެ ބަސް މަތިކުރުމަށްޓަކައޭ. މާތްﷲގެ ކަލިމަފުޅު މަތިކުރުމަށްޓަކައޭ. މި މަސައްކަތަކީ ބަރަކާތްތެރި ރަމަޟާން މަހު ކުރަން ޖެހޭ މަސައްކަތެކޭ. އެއީ އެއްގޮތަކަށް ވެސް ރަމަޟާން މަސްވީމާ ދޫކޮށްލަންވީ މަސައްކަތެއް ނޫނޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ ހަމައެކަނި އަޅުކަންކުރުމުގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި ދީނުގައި އަންގަވާފައި ވަނީ މާތްﷲ އަށްޓަކައި ކުރަން ޖެހޭ ކަންތަކާއި އާޚިރަތް ދުވަހަށް ޓަކައި ކުރަން ޖެހޭ ކަންތައް ކުރުމަށް ފަހު ދުނިޔޭގެ ކުރިއެރުމަށް ކުރަން ޖެހޭ ކަންތައް ވެސް ކުރުމަށް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އިސްލާމްދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވާލާ ދީން. ހަމައެކަނި އަޅުކަން ކުރުމުގެ މައްޗަށް ހަމައެކަނި މިދެންނެވީ ދީނުގެ ފަރުޟުތައް ނަމާދު ކުރުމާއި ރޯދަހިފުމާއި ހައްޖުވުމާއި ޒަކާތްދިނުމާއި މިކަންކަން އެކަނި ކޮށްގެން ތިބުމުގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން. ދީނުގައި އަންގަވާފައި ވަނީ މާތްﷲ އަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށާއި އާޚިރަތް ދުވަހަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށާއި މީގެ އިތުރުން އަޅުގަނޑުމެންގެ ދުނިޔޭގެ ކުރިއެރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް،" މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ޕީޕީއެމުން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބަ ހޯދުމަށާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުމަށް ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ޚިދުމަތްކޮށްދެއްވާފައި ވަނީ ހަމައެކަނި ވަކި ޕާޓީއެއްގެ މެންބަރުންނަށް އެކަނި ކަމަށާއި ނަމަވެސް ޕީޕީއެމްގެ ސަރުކާރުގައި އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ