އެމްޑީޕީގެ ރައީސަކު ހޮވުމުގެ އިންތިހާބު: އިންތިހާބު ބާއްވަން ހަފުތާއަކަށް ވީއިރު މެމްބަރުންގެ ލިސްޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދިއ

އެމްޑީޕީގެ ރައީސަކު ހޮވުމަށް އަންނަ މަހުގެ ދެވަނަ ދުވަހު މުޅި ރާއްޖޭގައި އިންތިހާބު ބާއްވަން ހަފުތާއަކަށް ވީއިރު އިންތިހާބުގައި ވޯޓުލާ މެމްބަރުންގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ މި އިންތިހާބުގައި ވޯޓުލާ މެމްބަރުންގެ މައުލޫމާތުގެ ސައްހަކަމާ މެދު ސުވާލު އުފެދުނީ އެ ޕާޓީގައި މިހާރު ނެތް ބައެއް މެމްބަރުން، ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައި އޮތުމުންނެވެ. އެމްޑީޕީގެ ވެބްސައިޓުގައިވާ ގޮތުން އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ ލިސްޓުގެ ތެރޭގައި ޑީއާރުޕީގެ ނައިބު ޒައީމު، އަދި ފައިނޭންސް މިނިސްޓަރު ގާސިމު އިބްރާހީމާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ރައީސް އުމަރު ނަސީރުގެ ނަން ވެސް ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުންގެ ނަން ހިމަނާފައި ވަނީ އެމްޑީޕީގެ މާލެ ދާއިރާގަ އެވެ. އޭގެ އިތުރުން ވެސް އެމްޑީޕީން މިހާރު ވަކިވެފައިވާ ބައެއް މެމްބަރުންގެ ނަން ވެސް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނައިފައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެފަދަ ޝަކުވާތައް ބައެއް ފަރާތްތަކުން ދަނީ އެމްޑީޕީއަށް ވެސް ހުށަހަޅަމުންނެވެ.
އުމަރު ނަސީރު މިއަދު ވިދާޅުވީ އެމްޑީޕީ އުފެއްދުމަށްޓަކައި ފުރަތަމަ ސަރުކާރަށް ހުށަހެޅި 46 މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނޭނެ ކަމަށެވެ. އެކަމަކު އެ ފަހަރު ސަރުކާރުން އެ ހުއްދައެއް ނުދެއްވަ އެވެ.
"އޭގެ ފަހުން އަޅުގަނޑު ނޯންނާނެ އެމްޑީޕީއަށް ވަނުމަށް އެއްވެސް ފޯމެއް ފުރާފައި. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ސަރުކާރުން ހުއްދަ ދެއްވި ފަހުން އަޅުގަނޑު ދުވަހަކު ވެސް އައިޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ވަނުމަށް ފޯމެއް ނުފުރަން." އުމަރު ނަސީރު ވިދާޅުވި އެވެ.
މި މައްސަލައިގައި އެމްޑީޕީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކޯޑިނޭޓިން ކޮމެޓީގެ މެމްބަރު އަދި ރ. ދާއިރާގެ ރައީސް، މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އިންތިހާބުގައި ވޯޓުލާން ޝަރުތު ހަމަވާ މެމްބަރުން ކަމަށް ކަނޑައަޅައި އިއުލާންކުރި ލިސްޓުގައި އެހެން ޕާޓީތަކުގެ މެމްބަރުން ހިމެނޭ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެފަދަ ޝަކުވާއެއް ލިބޭހާ އަވަހަށް އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"އުމަރު ނަސީރުގެ ނަން އެ ލިސްޓުގައި ހިމެނޭ ކަމަށް އަދި ކިރިޔާ އަޑު މި އެހީ. މި ހިސާބުން ފެށިގެން އެކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ފުރަތަމަ ލިސްޓް އިއުލާންކުރުމުން ވެސް ބައެއް މެމްބަރުންގެ ޝަކުވާއަކަށް ވީ އެ މެމްބަރުންގެ ނަން ލިސްޓުގައި ނެތުން. އެހެން އެކަން ވީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ފުރިހަމަ މައުލޫމާތު ދާއިރާތަކުން ގޮފިތަކުން ސެކްރެޓޭރިއޭޓަށް ފޯރުކޮށްދެވިފައި ނެތުމުން. ދެން އަޅުގަނޑުމެން ހެދި ގޮތަކީ ފުރަތަމަ ޕާޓީ އުފެދުމާ ހަމައިގެން ފެށިގެން ޕާޓީއަށް ވަނުމަށް ފޯމު ފުރި ހުރިހާ މެމްބަރުންގެ މައުލޫމާތު އެންޓާ ކޮށްފައި ލިސްޓް ނެރުނީ. އެގޮތަށް އެންޓާ ކުރިއިރު، ޕާޓީން ކެނޑިފައި ތިބި މެމްބަރުންނާއި އެހެނިހެން ޕާޓީތަކުގައި ތިބި މެމްބަރުން ވެސް ވަނީ ލިސްޓުގައި ހިމެނިފައި. އެކަމަކު އެގޮތަށް ހިމެނިގެން ޝަކުވާއެއް ލިބޭއިރަށް އެކަމެއް ރަނގަޅު ކުރަމުން މިދަނީ،" ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބާއްވާ އިންތިހާބަކަށް ވާއިރު، ވޯޓުލާ މީހުންގެ ލިސްޓް ނެރެނީ ސައްހަތޯ ބައްލަވާފައި ނޫންތޯ ދެންނެވުމުން އޭނާ ވިދާޅުވީ ލިސްޓް އެންޓާކުރަން ތިބޭ ކުދިންނަށް އޮޅުން އަރަނީ ކަމަށެވެ.
އެމްޑީޕީން ހަމަޖައްސާފައިވާ ގޮތުން ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންނަށެވެ. މި މަހުގެ ތިން ވަނަ ދުވަހުގެ ފަހުން ޕާޓީއާ ގުޅޭ މެމްބަރުންނަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓެއް ނުލެވޭނެ އެވެ.
އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ބޭފުޅުން ވިދާޅުވީ އަދިވެސް މައުލޫމާތު ސާފުނުކުރެވޭ 5500 މެމްބަރުން އެބަތިބި ކަމަށާއި ކުރިއަށް އޮތް ހަފުތާ ތެރޭގައި އެކަންތައްތައް ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެމްޑީޕީން އިއުލާން ކޮށްފައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 22،000 މީހުން އެ ޕާޓީގައި އެބަތިއްބެވެ. އެހެން ނަމަވެސް ފަހުން މައުލޫމާތު ފުރިހަމަނުވާ މެމްބަރުންގެ މައްސަލަ ނުކުތީ، މި މަހުގެ ތިންވަނަ ދުވަހުގެ ކުރިން ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންގެ މައުލޫމާތުތައް އެކި ދާއިރާތަކުންނާއި ގޮފިތަކުން ޕާޓީގެ ސެކްރެޓޭރިއޭޓަށް ފޮނުވާފައި ނުވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ