ކާށިދޫ ދާއިރާގެ ބަހުސް ބާއްވައިފި

މި މަހުގެ 14 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބަހުސް ޓީވީއެމް އިން މިރޭ ބާއްވައިފި އެވެ.
ލައިވްކޮށް ފޮނުވި މި ބަހުސްގައި ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ޖާބިރާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ރައީސް އަހްމަދު ހަލީމް )ދޮންބިލެތް( އެވެ.
މި ބަހުސްގައި ދޮންބިލެތް ވިދާޅުވީ އޭނާ އަށް ވޯޓު ދޭންވީ "ސަބަބުތައް ވަރަށް ގިނަ" ކަމަށެވެ. އެގޮތުން އެ ދާއިރާގެ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާނެ ކަމަށާއި އެކަންކަން ތަންފީޒުކުރުމަށްޓަކައި ވޯޓު ދޭންޖެހޭ ކަމަށެވެ. އަދި އާސަންދަ އެކަށީގެންވާ ގޮތުގައި ދިނުމަށްޓަކައި ވޯޓު ދޭންޖެހޭ ކަމަށާއި މުސްކުޅިންނާއި އެކަނިވެރި މައިންގެ އިނާޔަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި ވެސް އޭނާ އަށް ވޯޓް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާފަރަާއި ކާށިދޫ ދާއިރާގެ ރައްޔިތުން ދެ ދުވަހުން އެއް ދުވަހު މާލެ އަށް ކުރާ ދަތުރު ކޮންމެ ދުވަހަކަށް ހެދުމަށްޓަކައި ވެސް "އަޅުގަނޑަށް ވޯޓު ދޭންޖެހޭ" ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އޭނާ އަށް ވޯޓު ދޭންޖެހޭ ސަބަބަކީ މަޖިލީހުގެ މެމްބަރުކަމުގެ ތަޖުރިބާ ހުރުން ކަމަށެވެ. މެމްބަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް އޭނާގެ ގައިގައި ހުރި ކަމަށް ކާށިދު އާއި ގާފަރުގެ ރައްޔިތުން ގަބޫލުކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ ހިތާއި ވިންދު އަދި ހާލަތު އެނގި ވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ދޮންބިލެތް ވިދާޅުވީ ކާށިދޫ ދާއިރާއަކީ ވަޒީފާގެ ފުރުސަތާއި އަސާސީ ހިދުމަތް ނުލިބުމުން ވަރަށް ބޮޑަށް މަހްރޫމުވެފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން އޭނާގެ އަމާޒަކީ އެ ދާއިރާ ފައި މައްޗަށް ނެގުން ކަމަށާއި އަދި އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން ކަންކަން ރަނގަޅުކޮށް ހަމައަކަށް އެޅުވުމަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އޭނާގެ ތަސައްވުރަކީ ކާށިދު އާއި ގާފަރުގައި ޓޫރިޒަމް ތަރައްގީކޮށް ވަޒީފާގެ ފުރުސަތު އިތުރުކުރުން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އެހެން ޕާޓީއަކަށް ބަދަލު ނުވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ