މާފުށީ ޖަލުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތުނބުޅި ބާލަން ނޭންގޭނެ ކަމަށް ކ. މާފުށީ ކޯޓުންކޮށްފައިވާ ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ މާފުށީ ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ މާފުށީ ކޯޓުގެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އެ މައްސަލައިގައި ދައުވާކުރާ ފަރާތުގެ ގޮތުގައި އަށް މީހުން ވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ކޯޓަށް މައްސަލަ ހުށަހެޅި ފޯމަށް ބަލާއިރު ދައުވާކުރާ ފަރާތުގެ ގޮތުގައި ހިމެނެނީ އެންމެ މީހެއް ކަމަށެވެ. އަދި އެ ރިޕޯޓަށް ބަލާއިރު ދައުވާ ލިބޭ ފަރާތުގެ ގޮތުގައި މާފުށީ ޖަލުގެ ސްޕްރިޑެންޓެންޓް މުހައްމަދު ޝާހީން އަލީގެ ނަން އޮތް ނަމަވެސް ދައުވާގެ ފޯމުގައި ދައުވާ ލިބޭ ފަރާތެއްގެ ގޮތުގައި އޮތީ ޑިޕާޓްމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
މީގެ އިތުރުން ހުކުމުގައި ވަނީ ޝާހީން އަލީ ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން ޝާހީން އަލީ މާފުށީ ކޯޓަށް ހާޒިރުކޮށް ސުވާލު ކުރެވުނު ކަމަށާއި އެހެން ނަމަވެސް އޭރު އޭނާއަކީ ދައުވާ ލިބޭ ފަރާތްކަން އެއްވެސް ހިސާބަކުން އެނގިފައި ނުވާ ކަމަށް ޝާހީން އަލީ ބުނެފައިވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުގެ ގޮތުގައި ޝާހީން އަލީ އޮތް ނަމަވެސް މާފުށީ ކޯޓުގެ އަމުރު ނެރެފައިވަނީ ޑީޕީއާރްއެސްގެ މައްޗަށް ކަން އެނގެން އޮތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ އެއްވެސް ފަރާތެއްގެ މައްޗަށް ހުކުމެއް ކުރަންވާނީ އެ ފަރާތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ފަހުގައި ކަމަށާއި ނަމަވެސް ޑީޕީއާރްއެސްގެ މައްޗަށް ހުކުމްކޮށްފައިވާއިރު ޑީޕީއާރްއެސް އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައި ނެތުމުން މާފުށީ ކޯޓުން މައްސަލަ ނިންމާފައިވަނީ ކަނޑައެޅިފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އެހެން ކަމުން މާފުށީ ކޯޓުގެ އެ ހުކުމް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށް ވެސް ހުކުމުގައި ވެއެވެ.
މާފުށީ ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ދިވެހި ރާއްޖެއަކީ % 100 މުސްލިމް ގައުމަކަށް ވާއިރު އަދި ސިވިލް ސާވިސްގެ ގާނޫނުގައި ވެސް ތުނބުޅި ބާލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނެތުމުން ތުނބުޅި ބާލަން ނޭންގޭނެ ކަމަށެވެ. އަދި އާދަމްގެފާނުން ފެށިގެން ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމާއި ހަމައަށް ހުރިހާ ރަސޫލު ބޭކަލުންނާއި އަސްހާބު ބޭކަލުން ތުނބުޅި ބެހެއްޓެވިކަން އެނގެން އޮންނަ ކަމަށާއި ތުނބުޅި ބެހެއްޓުމަކީ ސުންނަތަށްވުރެ މަތީ، ވާޖިބާ ގާތްކުރާ ކަމެއް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. އަދި އިސްލާމީ ގައުމެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށް ވާތީ ޑީޕީއާރްއެސްގައި މަސައްކަތްކުރާ އެއްވެސް މުސްލިމް މުވައްޒަފަކު ތުނބުޅި ބާލަން އަންގައިގެން ނުވާނެ ކަމަށް ޑީޕީއާރްއެސްގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށް އެ ހުކުމުގައި ވެއެވެ.
ތުނބުޅި ބާލަން ނޭންގޭނެކަމަށް މާފުށީ ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ