އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ކޮމެޓީއަކަށް ގާޒީ ޝުޖޫން އިންތިހާބުކޮށްފި

އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ އަށް ގާޒީ އާއިޝާ ޝުޖޫން މުހައްމަދު އިންތިހާބުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވި އިންތިހާބުގައި ޝުޖޫން އެ މަގާމަށް ހޮވިވަޑައިގަތީ 55 ގައުމުގެ ތެރެއިން 36 ގައުމެއްގެ ވޯޓު ލިބިވަޑައިގެން ކަމަށެވެ. ޝުޖޫން އެ މަގާމަށް އިންތިހާބުވުމުން އޭނާ ވަނީ އޭޝިޔާގެ ގައުމުތަކުން އެ ކޮމެޓީ އަށް ހޮވިވަޑައިގަތް ފުރަތަމަ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިފަ އެވެ.
އެ ކޮމެޓީއަކީ އެކި ގައުމުތަކުގައި މީހުންނަށް ކުރާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ގާއިމް ކުރުމަށް މަސައްކަތްކުރާ ކޮމެޓީއެކެވެ. މީގެ އިތުރުން އެ ކޮމެޓީން އެކި ގައުމުތަކުގެ ޖަލުތަކާއި މީހުން ބަންދުކުރާ ތަންތަނަށް ޒިޔާރަތްކޮށް ގައިދީންގެ ހައްގުތައް ހިމާޔަތްކޮށްފައިވޭތޯ ވެސް ބަލާނެ އެވެ.
ގާޒީ ޝުޖޫނަކީ މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކްގެ ފައުންޑާ މެންބަރެކެވެ. އަދި މަދަނީ ޖަމިއްޔާތަކާއި ސަރުކާރުގައި މަސައްކަތް ކުރެއްވިއިރު އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ގާޒީ ޝުޖޫން އެ ކޮމެޓީ އަށް ހޮވިވަޑައިގަތުމުން ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ