ދިރުވާލައިގެން 100 އަށް ވުރެ ގިނަ ޕެކެޓުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު ދެ މީހުންގެ މައްސަލަ ކޯޓަށް

ދިރުވައިލައިގެން 122 ޕެކެޓުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު ދެ މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިނާއީ ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބު ހުސެން ޝަމީމް ވިދާޅުވީ ނަދީމް މޯގަލް، ،41 އާއި އަފްތާބު އަހުމަދު، ،49 ދެކޮޅަށް ދައުވާކުރަނީ މަސްތުވާތަކެތި މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ. ޝަމީމް ވިދާޅުވީ އެމީހުންނާ ދެކޮޅަށް ކުރަނީ މަނާ ކޮށްފައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ، ދެ ފަހަރެއްގެ މަތިން ނަދީމް ބޮޑުކަމުދިޔުމުން އޭގެ ތެރެއިން 42 ޕެކެޓު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އަފްތާބް ހަ ފަހަރެއްގެ މަތިން ބޮޑުކަމުދިޔުމުން 80 ޕެކެޓު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދެ މީހުން އަތުލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 14 ގަ އެވެ. ޕާކިސްތާނު ދެ މީހުންގެ އިތުރުން އެ މައްސަލައިގައި ފުލުހުން ވަނީ ދިވެހި ދެ މީހުން ވެސް އަތުލައިގެންފަ އެވެ. އެއީ ގއ. ވިލިނގިލީ ސަވާ ވިޝާމް ޝަފީގު، ،23 އާއި ގ. ރަނޯރާގެ އާގޭ އަހުމަދު ނަބީލް، ،24 އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ޕާކިސްތާނު މީހަކަށް ދާދިފަހުން ވެސް ވަނީ ރާއްޖޭގައި ހުކުމްކޮށްފަ އެވެ. އެއީ ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި އެ ގައުމުގެ ރައްޔިތެއް ކަމަށްވާ އަޒުމަތުހާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ