ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓައް ކުޅެވޭ އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތް “ސީޕީ ކަޕް 2013″ ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސްޕަލިސްޓް އޮޕަރޭޝަންސް (އެސްއޯ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތަށި މިލްކުކޮށްފިއެވެ.
މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ކަސްޓޯޑިއަލް އެފްސީ އާއި ވާދަކޮށް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯ) އިން މެޗު ކާމިޔާބުކޮށްފައިވަނީ 5-1 ންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައިވަނީ އެސްއޯ ންނެވެ. މެޗުގެ 9 ވަނަ މެޗުގައި މި ލަނޑު ޖަހައިދީފައިވަނީ ނިޝާދު އަލީއެވެ. މި ލީޑްގައި އޮވެ އެސްއޯ ކުޅެމުންގޮސް މެޗުގެ ލީޑު ފުޅާކޮށްފައިވަނީ 24 ވަނަ މިނިޓްގައި ޢަލީ ރިޝްވާން އަޙްމަދު ޖަހައިދިން ލަނޑުންނެވެ. އަދި މެޗު 32 ވަނަ މިނިޓްގައި އެސްއޯގެ ކެޕްޓަން މުސްތަފާ މުޙައްމަދު ވަނީ އިތުރު ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފު ފެށުނުތާ މާގިނައިރުތަކެއް ނުވަނީ ކަސްޓޯޑިއަލްއިންވަނީ ލަނޑެއް ޖަހައި ހިތްވަރު އައުކޮށްފައެވެ. މި ލަނޑު މެޗުގެ 46 ވަނަ މިނިޓްގައި ޖަހައިދީފައިވަނީ މުއާޒް ސާލިޙްއެވެ. މި ލަނޑާއެކު ލިބުނު ހިތްވަރާއެކު ކަސްޓޯޑިއަލްއިން ކުޅެމުންދަނިކޮށް، އެސްއޯގެ ކެޕްޓަން މުސްތަފާ މުހައްމަދުވަނީ ލަނޑެއް ޖަހައިދީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައިއެވެ.
މިލަނޑު މުސްތަފާ ޖަހައިދީފައިވަނީ މެޗުގެ 57 ވަނަ މިނިޓްގައެވެ. އަދި އެސްއޯގެ 5 ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދީފައިވަނީ ނިޝާދު އަލީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މި މެޗުގައި އެސްއޯއަށް ދެ ލަނޑު ޖަހައިދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުސްތަފާ މުޙައްމަދުއެވެ.
މެޗު ނިމުމުން ވަނަވަނައައި ކުޅުންތެރިންނަށާއި މުބާރާތް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި ވަނަ ވަނައަށް އައި ޓީމްތަކަށް ތައްޓާއި މެޑަލް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް އެސްއޯގެ ކީޕަރު ވާލިދު އިދުރީސް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ކަސްޓޯޑިއަލް އެފްސީގެ ކެޕްޓަން ޢަބްދުﷲ ހަފީޒްއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އެސްއޯގެ ޙުސައިން ސިފާޒް ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކީ ކަސްޓޯޑިިއަލް އެފްސީގެ އިބްރާހިމް މުޙައްމަދުއެވެ. އަދި ފެއަރޕްލޭ ކުޅުންތެރިޔާއަށް އެސްއޯގެ މުޙައްމަދު ހައިދަރު ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އެސްއޯގެ ކެޕްޓަން މުސްތަފާ މުހައްމަދުއެވެ. އޭނާވަނީ މި މުބާރާތުގައި 14 ގޯލް ޖަހާފައެވެ.
މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ފޮރެންސިކް ފްރެންޑްސްގެ މެނޭޖަރު އައިމިނަތު ސުޒީ ހޮވުނުއިރު މުބާރާތުގައި ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވިފައިވަނީ އެސްއޯގެ ކޯޗު އަޙްމަދު ނާޒް މުޙައްމަދު ޖަމީލްއެވެ. މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީވެސް މުބާރާތުގެ ޗެމްޕިއަން އެސްއޯއެވެ.
މިމުބާރާތުގައި ވަނީ ޕޮލިސް ކްލަބު 11 ކުޅުންތެރިވެސް ހޮވާފައެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ވާލިދު އިދުރީސް އާއި މުޙައްމަދު ހައިދަރުއާއި ޢަލީ ފަޙްމީ އާއި ޙުސައިން ސިފާޒް އާއި މުސްތަފާ މުޙައްމަދު އާއި ކަސްޓޯޑިއަލްގެ ޢަބްދުﷲ ހަފީޒްއާއި އީސާ ރަފީޢުއާއި އިބްރާހިމް މުޙައްމަދު އާއި އެސްއޯ ޖޫނިއަރސްގެ އަޙްމަދު ރަމީޒްގެ އިތުރުން ވިލިމާލެ ކޮމްބައިންގެ އަލީ މުނާޒްއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލް ތައްޓާއި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއެެވެ. އަދި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދުއެވެ.
އަދި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުޙާދު ފިކްރީއެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދުއާއި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުޙާދު ފިކްރީއާއި ޕޮލިސް ކުލަބުގެ ނައިބު ރައީސްއާއި ފުލުހުން އިސްއޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ހާޒިރުވެފައިވެއެވެ.
ސީޕީ ކަޕްގެ ޗެމްޕިއަންކަން އެސްއޯ ޓީމު ހޯދާ ތަށި މިލްކުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ