ރައީސް މައުމޫން ޕާޓީއެއް އުފެއްދުމަކީ ގޮންޖެހުމެއް ނޫން: ރައީސް ޔާމީން
ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމ،ް އާ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ގޮންޖެހުމެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ނިމިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ސިޔާސީ މަސައްކަތް ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ފައްޓަވައި އިއުލާން ކުރައްވައިފަ އެވެ. ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިހާރު އިދިކޮޅު މައި ލީޑަރު ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ އެމަނިކުފާނަށް ގޮންޖެހުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގައި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތައް ދެމިތިބޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ. "ކޮންގްރެސް ޕާޓީ އުފެއްދުމަށް 24 ގަޑިއިރުތެރޭ 3،000 މީހުން ހަމަ ކުރިން. އެއީ އަދި އަޅުގަނޑުމެން އަތޮޅު ތެރެއަށް ދަތުރު ވެސް ނުކޮށް. އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ބޭފުޅަކު އަދި ޕާޓީއެއް އުފެއްދެވިޔަސް އަޅުގަނޑުމެންނަށް ލޮޅުމެއް، ގޮންޖެހުމެއް އަންނާނެ ކަމަކަށް. އިރާދަ ކުރެއްވިޔާ އެކަހަލަ ކަމެއް ނުވެސް ވާނެ. ގޮންޖެހުމެއް ނާންނާނެ،" ރައީސް މައުމުން އާ ސިޔާސީ ޕާޓީއެއް ހެދުމަކީ ގޮންޖެހުމެއްތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް މައުމޫން އުފައްދާވާ ޕާޓީއާ އެކު ކޯލިޝަން ހައްދަވާފާނަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެއީ އަދި ވުޖޫދުގައި ނެތް ޕާޓީއެއް ކަމަށާއި ނަމަވެސް ރައީސް މައުމޫން އާ ވެސް ކޯލީޝަން ހެދުމަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. "ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން، [އިށީދެ ވާހަކަ ދެއްކޭނެ]." ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ރޭ އެގޮތަށް ވިދާޅުވިނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، މީހާރު ސަރުކާރު ހިންގާ ކޯލީޝަން ޕާޓީތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާ އެކު ކޯލީޝަން ނަހައްދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ