ދަރިކަލުން ގައްސާނާ ދެކޮޅަށް މައުމޫން ކެންޑިޑޭޓަކު ނެރެނީ

ދަރިކަލުން ގައްސާނު މައުމޫނާ ދެކޮޅަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ތާއީދުގައި ތ.ގުރައިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާއަށް ރައީސް މައުމޫނުގެ ދަރިކަލުން ގައްސާނު ވާދަ ކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ. ގައްސާނަށް ޕީޕީއެމްގެ ޓިކެޓް ދީފައި ވަނީ ޕީއެންސީ އުފެއްދުމުގެ ކުރިންނެވެ.
ރައީސް މައުމޫނުގެ ތާއީދުގައި ގުރައިދޫ ދާއިރާއަށް ނުކުންނަނީ މުހައްމަދު އިބްރާހިމް މަނިކު (މޮހޮދޭ) އެވެ. ރައީސް މައުމޫނުގެ ފަރާތުން އެ ދާއިރާއަށް ނިކުންނަ މޮހޮދޭއަށް މަރުހަބާ ދަންނަވައި ކާމިޔާބަށް އެދި ރައީސް މައުމޫނު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ރައީސް މައުމޫނުގެ ނަންފުޅު ބޭނުން ކޮސްގެން މޮހޮދޭ ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ގައްސާނު ކެމްޕޭން ކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެނެވެ.
ގައްސާން މައުމޫނަކީ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އެގޮތުން ރައީސް މައުމޫން، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅުވެ ހިންގަމުންދިޔަ ކަންތައްތަކުގެ ތެރެއިންވެސް ގައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައެވެ. އަދި އެއިރު ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކުރަމުންދިޔަ މައުމޫންގެ ދަރިކަލުގންގެ ތެރެއިން ގައްސާން ފިޔަވާ ހުރިހާ އެންމެން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވިއިރުވެސް، ގައްސާން ގެންދެވީ ރައީސް ޔާމީންގެ ސަރުކާރަށް ހިދުމަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ