ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިރޭ މެލޭ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ކަމާލުއްދީން އަދި އައިމިނަތު ނާދިރާ ވަނީ ވަޑައިގެންފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް، ރައީސް މައުމޫން އެގައުމަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ޚާއްސަ ސިޓީފުޅެއް، ބޮޑުވަޒީރު މަހާތީރަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް މައުމޫން އެއްޗެއް ވިދާޅުވެފައިނުވާއިރު، އެމްއާރުއެމުން ބުނީ ރައީސް މައުމޫންގެ ދަތުރުފުޅުގެ ތަފްސީލް އެނބުރިވަޑައިގެން ހިއްސާކުރައްވާނެކަމަށެވެ.
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނަށް އަލްވަދާއު ވިދާޅުވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޒީދާއި، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވަޑައިގެންނެވިއެވެ.
މަޖިލީސް އިންތިޚާބަށް ރައީސް މައުމޫންވެސް ކެންޑިޑޭޓުން ނެރުއްވާއިރު، އެ ކެންޑިޑޭޓުންގެ ކެންޕެއިން ހަރަކާތްތައްވެސް ފަށާނީ ރައީސް މައުމޫން އެނބުރިވަޑައިގަތުމުންކަމަށްވެސް އެމްއާރުއެމްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ