ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނިކުންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި މިއަދަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދެން ހުންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހިދުމަތް ކުރުމުގައެވެ. އަދި އިންތިހާބީ ރައީސް އިބޫ ހަވާލު ކުރެއްވި ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ސާބިތުވެ ހުންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެން ލައްކަ ދުވަހު އުޅެފަ މި ނިކުންނަނީ [މަޖިލީހުން]. އަޅުގަނޑު މި ނުކުންނަނީ ގައުމަށް އެހެން ދާއިރާއަކުން ހިދުމަތް ކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ދާއިރައިން މުޅިން ދުރު ވަނީ ނޫން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ ފަސް ދައުރު ހިދުމަތް ކޮށްދެއްވާފައެވެ. އަދި އެ ފުރުސަތު ދެއްވީތީ ވ. އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެކި ދައުރުތަކުގައި އެހީތެރިވި ފަރާތްތަކަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
ޝާހިދު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ