ހުޅުމާލޭގައި އަޅާ އެންމެބޮޑު ސްކޫލަށް ހުރަވީ ސްކޫލް ކިޔަން ނިންމައިފި

ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލަށް "ހުރަވީ ސްކޫލް"ގެ ނަން ސަރުކާރުން ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި ހަދާފައިވާ ސްކޫލުގެ ނަން ރައީސް އޮފީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލަށް މިހާރު ދަރިވަރުންނަށް ޖާގަ ދެމުން އަންނަ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
އަމިން ކޮންސްޓްރަކްޝަނާއި 132 މިލިއަން ރުފިޔާ އަށް ހަވާލުކޮށްގެން އިމާރާތްކުރި ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭނެ އެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13ގަ އެވެ.
ޝަފީއު ވިދާޅުވީ އަންނަ އަހަރު އެ ސްކޫލްގައި އަލަށް ކިޔަވައިދޭން ފަށާ އިރު، ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 1-9 އަދި 11 އަށެވެ. އޭގެ އަނެއް އަހަރުން ފެށިގެން ގްރޭޑް 10 އަދި 12 ގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ލިޓްލް ޖެމްސް ޕްރީ ސްކޫލު ކައިރީގައި ހަތް ބުރި އަށް އިމާރާތްކުރި ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމަ އަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާ އިރު 53 ކްލާސްރޫމް ހުންނާނެ އެވެ. އެ ތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ