ނަޝީދު މިނިވަން ކުރުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަނީ

ނިރުބަވެރިކަމުގެ (ޓަރަރިޒަމްގެ) ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަން ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ސްޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
މުހައްމަދު ނަޝީދު ޖަލަށްލުމަށް ކުރި ހުކުމުގެ މައްސަލަ ރިވިއުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވަނީ ވޭތުވެދިޔަ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމަށްފަހު ޖެހިގެން އައި ދުވަހު ސްޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ، ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އިތުރުން، އެމަނިކުފާނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރައްވާ ކަމަށެވެ.
ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ ސްޕްރީމް ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ނެރުމުން ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އެއަށްފަހު އަމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ ދެކުނާއި، އެންމެ އުތުރަށް ދަތުރު ކުރައްވާ ސިޔާސީ ހަރަކާތައް އަލުން ފައްޓަވާފައެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޤާނޫނާ ޚިލާފަށް ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ނިރުބަވެރިކަމުގެ ކުށް ސާބިތުވެ ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވީ އެގައުމުގައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު އުޅުއްވާފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
މުޙައްމަދު ނަޝީދުގެ ހުކުމް ރިވިއު ކުރުމަށް، ސްޕްރީމް ކޯޓޫގައި ބާއްވާ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލަ ބައްލަވާނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ