ހުކުމް ރިވިއުކުރުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއުކުރަން ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ނަޝީދުގެ ފަރާތުން އެ ކޯޓަށް ޖަވާބު ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ނަޝީދުގެ ފަރާތުން ކޯޓަށް ޖަވާބު ހުށަހަޅާފައިވާކަން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ޖަވާބު ލިޔުމުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ޕީޖީން އެފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ އަމުރު ނެރުމުގައި ބައްލަވާފައިވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި، އެބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުއީ، އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށާއި، އެމައްސަލައިގެ ބާވަތަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ