ދަނގެތީ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ދާއިރާގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލަތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް ގެނައުމަށް، އެ ދާއިރާއަށް ކުރިމަތިލައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނާޒިމް ވަނީ ދަނގެތީ ދާއިރާއަށް މުހިންމު ކަންކަމުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. މި ބައްދަލުވުމުގައި ދާދިފަހުން ދަނގެތީ ދާއިރާއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެވުނު ހުރިހާ މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ދަނގެތީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ދަނގެތި ދާއިރާއަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ދާއިރާއަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އަދި ދަނގެތީ ދާއިރާއަށް އަޅާނުލާ، ބޭކާރުކޮށްލާފައި އޮތްއޮތުން ނިމުމަކަަށް އައީކަމަށާ ދަނގެތީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވުމަށް ހުންނެވީ ތައްޔާރަށްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދަނގެތީ ދާއިރާއަށް ކުރިމަތިލެއްވީވެސް، އެއީ ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއަކަށްވުމުންކަމަށެވެ. އަދި ދަނގެތީ ދާއިރާގެ ރަށްރަށަކީ ލޯކަލް ޓްއަރިޒަމް ފުޅާކޮށް ވަރަށް ބޮޑަށް ތަރައްގީކުރެވިދާނެ ރަށްރަށައްވާތީ އެ ދާއިރާއަށް ތަރައްގީ ހޯދުމަކީ އުދަގޫކަމެއް ނޫންކަމަށެވެ. އަދި މުސްތަގްބަލުގައި އެންމެ އުޖާލާ އެއް ދާއިރާއަކީ ދަނގެތީ ދާއިރާއަށް ހެދުމަކީ އެންމެ ބޮޑު އަމާޒުކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްފަދަ ގާބިލް ބޭފުޅަކު ދަނގެތީ ދާއިރާއަށް ކުރިމަތިލެއްވުމުން އެ ދާއިރާގެ ގިނަ މެންބަރުން ވަނީ އެކަމާއި އުފާކުރާކަން ހާމަކޮށްފައެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ނާޒިމްގެ ކެންޕެއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.
ދާއިރާގެ ކަންބޮޑުވުންތަކާއެކު ނާޒިމް، ރައީސް ސޯލިހުގެ އަރިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ