ކުރީގެ ސަރުކާރުން ޑޯނިއަރގެ މަޝްވަރާތައް ހުއްޓާލީ ގައުމުގެ އިސްތިގުލާލަށް ބުރޫ އަރާފާނެތީ: އުމަރު

އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ޑޯނިއަރ ދެ މަތިންދާ ބޯޓު ހަދިޔާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރުގައި ވެސް ކުރި ކަމަށާއި ނަމަވެސް އެ މަޝްވަރާތައް ހުއްޓާލެއްވީ ގައުމުގެ އިސްތިގުލާލަށް އެކަމުގެ ސަބަބުން ބުރޫ އަރާފާނެކަމުގެ ބިރު ހީފުޅުވެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާއިން ހަދިޔާ ކުރާ 2 ޑޯނިއަރ މަތިންދާ ބޯޓާ ގުޅޭ މަޝްވަރާތައް ކުރީގެ ސަރުކާރުގައި ވެސް ކޮށްފައިވާ ކަމަށެވެ. އަދި އޭރު ދިވެހި ސަރުކާރުން އެދުނީ އިންޑިޔާއިން ރާއްޖެއަށްް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދެވުމަށްފަހު ބަދަލުގައި 2 ޑޯނިއަރ މަތިންދާ ބޯޓު ދެއްވުމަށް ކަމަށެވެ.ދިވެހި ސަރުކާރުން އެގޮތަށް އެދި ލެއްވީ ހެލިކޮޕްޓަރަކީ ދިވެހިންނާ ބީރައްޓެހި އުޅަނދަކަށް ވުމުންނާ ޑޯނިއަރ އަކީ ދިވެހި ޕައިލެޓުންނަށް ދުއްވަން އެނގޭ އުޅަނދެއް ކަމަށް ވުމުންނެވެ. އަދި އެއީ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުން އެ އުޅަނދު ދުއްވަން އިންޑިޔާއިން ރާއްޖެ ފޮނުވާފައި ތިބި އިންޑިޔާ ސިފައިން ވެސް އަނބުރާ އެގައުމަށް ފޮނުވާލެވުމުން ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބޭ ތިބުމަށް ނިމުމެއް އަންނާނެ ކަމަށް ގަބޫލުކުރެވިގެން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.ނަމަވެސް އިންޑިޔާ ސަރުކާރުން އެގޮތާ އެއްބަސްވެވަޑައިގަންނަވަން ބޭނުން ނުވި ކަމަށާ އިންޑިޔާ ސަރުކާރުން ބޭނުންވީ ދެ ހެލިކޮޕްޓަރުވެސް ރާއްޖޭގައި ބޭއްވުމަށްފަހު ދެ ޑޯނިއަރ ހަދިޔާ ކުރަން ކަމަށް އެ ޕޯސްޓުގައި އުމަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުން އެގޮތަށް އެކަން ކުރަން ބޭނުން ނުވި ކަމަށާ އެގޮތަށް އެކަން ކުރަން ބޭނުންނުވީ މި ގައުމުގެ އަމިއްލަވަންތަކަން ގެއްލިދާނެތި ކަމަށް އުމަރު ވިދާޅުވިއެވެ.ނަމަވެސް މިއަދު ފެނިގެން މިދަނި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށްޓަަކައި ކުރީ ސަރުކާރުން ހުއްޓާލި މަޝްވަރާތަކެއް މި ސަރުކާރުން އަލުން ފެށި މަންޒަރު ކަމަށާއި އެއީ އިންޑިޔާ ސަރުކާރުގެ އަތްދަށަށް ރާއްޖެ ދިއުމާ ކައިރިއަށް މި ސަރުކާރުން އެޅި އިތުރު ފިޔަވަޅެއް ކަމުގައި ވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އެއީ އިންޑިޔާ ސިފައިން ދިވެހިރާއްޖެ ގެނައުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއްގެ ގޮތުގައި ވެސް އުމަރު ވަނީ ސިފަކުރައްވާފައެވެ.އުމަރު އެފަދަ މޭރުމަކުން ޕޯސްޓެއް ކުރައްވާފައި ވަނީ އިންޑިޔާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރަން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް މީޑިޔާތަކުގައި ގަދަވެ އެކަމާ މެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ