މާމެންދޫއަށް ޖަނަރޭޓު ގެންގޮސް، ކަރަންޓު ދޭން މަސައްކަތް ކުރަނީ

ލ. މާމެންދޫއިން ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެ ނުލިބި، ކަރަންޓު ކަނޑަމުން ދާތީ ރައްޔިތުން ނިކުމެ މުޒާހަރާ ކޮށް، ނުރުހުން ފާޅު ކުރުމުން، ރޭ އެރަށަށް ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
އެރަށުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުން އެކި އިރު އިރު ކަރަންޓު ކަނޑަމުން ދާތީ ރައްޔިތުން ނިކުމެ ވަނީ ދާއިމީ ހައްލެއް ލިބެންދެން ކަރަންޓު އެއްކޮށް ކަނޑާލަން ނިންމާފައެވެ. މާމެންދޫގައި ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަތާ މިހާރު ފަސް މަސް ދުވަސް ވެފައިވާ ކަމަށް އެރަށުން ބުނެއެވެ.
ކުއްލި ކުއްލިއަށް ކަރަންޓު ކަނޑާ، ރައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުން ވަމުން ދާތީ އިތުރަށް ކަރަންޓު ދޭނީ، ދާއިމީ ހައްލެއް ލިބުމުން ކަމަށް ބުނެފައި ވިޔަސް ރޭ 12 ގެ ފަހުން ކަރަންޓުގެ ލޯޑު ކުޑަވުމުން ހެނދުނު 7:30 ވަންދެން ގިނަ ގެތަކަކަށް ކަރަންޓު ދީފައިވެއެވެ. އަދި މިހާރުވެސް ދެލައިނަކަށް ބަހާލައިގެން ކަރަންޓު ދެމުން ދާކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް ހުސައިން ވިދާޅުވިއެވެ.
"8:10 ކަން ހާއިރު ރަށަށް ޖަނަރޭޓަރު ގެނެސް، ރަށުގެ ގިނަ ރައްޔިތުންގެ އެހީތެރިކަމާއެކު 1:30 ކަންހާއިރު އިންޖީނުގެޔަށް ވައްދާފަ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން މިދަނީ." ހަބީބު ވިދާޅު ވިއެވެ.
ހަބީބު ވިދާޅުވީ މިއަދުގެ ހަވީރު ރަށަށް ކަރަންޓު ލިބޭނެ ވަރު ވާނޭ ކަމަށާއި މިހާރުވެސް އެމަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ