ބޮޑެތި މަރުތަކާއި ހިޔާނާތުގެ މައްސަލަތަކުގެ ފުލުހުންގެ ތަހުޤީޤުގައި އަބަދުވެސް އުޅެނީ އެއްބައެއް: މެމްބަރު ސިރާޖު

ބޮޑެތި މަރުތަކާއި ހިޔާނާތުގެ މައްސަލަތަކުގެ ފުލުހުންގެ ތަހުޤީޤުގައި އަބަދުވެސް އުޅެނީ އެއްބައެއްކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެންބަރ މޫސާ ސިރާޖު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ތަހުޤީޤު ނުނިމި އަދި އިންސާފު ނުލިބި ލަސްވަމުންދާ މިފަދަ މައްސަލަތަކުގައި ކުރިއަށްދާނެ ގޮތްތަކެއް ކަނޑައެޅުމަށް ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މެމްބަރު ސިރާޖު ވިދާޅުވީ، ކޮމިޓީއަށް ހުށައެޅުއްވި ސިޓީގައި ބަޔާންކޮށްފައިވާ އެފަދަ ބޮޑެތި މައްސަލަތަކުގެ ތަހުޤީޤުގައިވެސް ފުލުހުންގެ އިންވެސްޓިގޭޓިންގ އޮފިސަރުން( އައިއޯއިން) ގެ ގޮތުގައި އުޅެފައިހުރީ އެއް ބައެއް ކަމަށެވެ. އެގޮތުން އެ ހުރިހާ މައްސަލައެއްގައިވެސް އުޅެފައިހުރީ ގާތްގަނޑަކަށް 15 އައިއޯއިންކަން ސިރާޖު ފާހަގަ ކުރެއްވިއެވެ.
މައްސަލަތައް ނުހިނގާ ވަރަށް ދުވަސްވެއްޖެ، ވަރަށް ގިނަ ދުވަސްވީ މައްސަލަތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، މަރުތަކުގެ މައްސަލަކަމަށް ވީ ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލަކަމަށް ވީ ނަމަވެސް އަދި އެނޫންވެސް ޤައުމީ ބޮޑެތި މައްސަލަތައް ނުބެލި ވަރަށް ބޮޑަށް ލަސްވޭ، ސިޓީގައިވެސް ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި މި މައްސަލަތައް ނުހިނގައިގެން މި އުޅެނީ ތަހުޤީޤު ކުރާ ފަރާތްތަކުގެ މައްސަލައެއްތޯ، ނޫނީ ތަހުޤީޤުގައި އެހެން ކަމެއް ދިމާވީތޯ، އަޅުގަނޑަށް ހީވަނީ ނުހިނގި ސަބަބަކީ މުހިއްމު ކަމެއްހެން ދެނެގަތުން, އަޅުގަނޑަށް ފާހަގަވާ ކަމެއް އަބަދުވެސް މިފަދަ ބޮޑެތި ހުރިހާ މައްސަލައެއްގައި ވަރަށް ގިނަ ފުލުހުން ފުލުސް އޮފީހުގައި އުޅޭއިރުވެސް އަޅުގަނޑަށް ހިވަނީ ސިޓީގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކުގައި ފުލުހުންގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ހަމަ އުޅެފައި ހުރީ އެއް ބައެއް، އަޅުގަނޑަށް ހީވަނީ ހަމަ 15 އައިއޯއިން ހުރިހާ މައްސަލައަކަށް ބަހާލީމާ އެ 15 އައިއޯއެއް ވަރު ހެން އުޅެނީ ހުރިހާ މައްސަލައެއްގައި،
~ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބެލުމަށް ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއަކުން ބެލުމަށް އަންގާރަ ދުވަހު ކޮމިޓީން ނިންމާފައިވާއިރު، ސިރާޖު ވިދާޅުވީ، މައްސަލަތައް ނުހިނގުމުގެ ޝަކުވާއަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެއާއެކު ޖޮއިންޓް ކޮމިޓީން މައްސަލަތައް ބަލާއިރު، ތަހުޤީޤު ލަސްވާ ސަބަބުތަކަށް ޚާއްސަ އިސްކަމެއްދޭން ޖެހޭކަން ސިރާޖު ފާހަގަ ކުރެއްވިއެވެ.
އެމްއެމްޕީއާރްސީ މައްސަލައަށްވެސް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަ ކުރައްވައި ސިރާޖު އިތުރަށް ވިދާޅުވީ، އެތައް އަހަރެއް ވެގެން ދިޔައިރުވެސް އެމްއެމްޕީއާރްސީ ފައިސާ ސީދާ ޖަމާވި މީހެއްގެ ގޮތުގައި ކޯޓުން ޙުކުމްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަނި ކަމަށެވެ. އަދި 3 އަހަރުވެގެން ދިޔައިރުގައިވެސް ތަހުޤީޤުގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިފައި ނުވާކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ، މިހާރުވެސް އެ މައްސަލައިގެ ތަހުޤީޤުގައި އުޅެނީ އޭރުވެސް ތަހުޤީޤުގައި ބައިވެރިވި ފުލުހުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އިން ސުވާލުކޮށްލުމުން ފުލުހުން ބުނީ، ބޮޑެތި މައްސަލަތަކުގައި އެއް ބަޔަކު ތަހުޤީޤުގައި އުޅުމަށް ދިމާވާ ސަބަބަކީ އެފަދަ ބޮޑެތި މައްސަލަތަކުގެ ތަހުޤީޤަށް ފުލުހުންގެ ވަކި ޚާއްސަ ޑިޕާރޓްމަންޓެއް ކަނޑައެޅިފައި އޮތުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތަކަށް ޚާއްސަ ކޮށްފައިވާ އިންވެސްޓިގޭޓިންގ އޮފިސަރުންގެ ސީދާ އަދަދު ހާމަ ކުރެވެން ނެތްކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ލަސްވާ ސަބަބު ޖޮއިންޓް ކޮމިޓީން ބެލުމަށް ނިންމާފައިވާއިރު، މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުން ލަސްވެ، މިކަމުގައި ވާނުވާ ރައްޔިތުންނާ ހަމައަށް ނާންނަކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ