ލޮކްޑައުންއަށް ލުއި ދިނުމުން ދެވަނަ ޕީކެއް އަތުވެދާނެ- ޑަބްލިޔުއެޗްއޯ

ލޮކްޑައުން ފިޔަވަޅުތައް ގައުމުތަކުން ލުއި ކުރުމާއެކު، ކޮވިޑް -19ގެ ދެވަނަ ޕީކެއް އަތުވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފިއެވެ.
ހޯމަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ ގެ ހެލްތު އެމަޖެންސީ ޕްރޮގްރާމްގެ އެގްޒެކިޓިވް ޑިރެކްޓަރ، ޑރ. މާރކް ރަޔަން ވިދާޅުވި ގޮތުގައި ދުނިޔެ މިހާރު އޮތީ “ފުރަތަމަ ރާޅު” ގެ ތެރޭގައެވެ.
“އަހަރެމެން އަދިވެސް މިތިބީ ބަލި އިތުރަށް މައްޗަށް ދާ ހާލަތެއްގައި.” ޑރ. މާރކް ވިދާޅުވިއެވެ.
ޑރ.މާރކް ވިދާޅުވީ ދެވަނަ ރާޅު ނުވަތަ ދެވަނަ ޕީކެއް އަތުވެދާނެ ކަމަށް ބެލެވެނީ އިންފްލުއެންޒާ ފެތުރޭ ދުވަސްކޮޅާއި ދިމާކޮށްކަމަށާ މިގޮތަށް ވެއްޖެނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމުގައެވެ.
“ހުރިހާ ގައުމެއް އަދިވެސް ސަމާލުވެގެން ތިބެން އެބަ ޖެހޭ. ވީހާވެސް ގިނައިން ކޭސްތައް ދެނެގަތުމަށް ތައްޔާރަށް ތިބެން އެބަ ޖެހޭ. ބަލި ފެތުރޭ މިންވަރު ދަށް ކުރެވިފައިވާ ގައުމުތައްވެސް. ކޭސްތައް މަދުން ފެންނަ ގައުމު ތައްވެސް.” ޑަބްލިއުއެޗްއޯގެ އިންފެކްޝަސް ޑިޒީޒް އެޕިޑީމިއޮލޮޖިސްޓް ޑރ. މާރިއާ ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯއިން މިފަދަ އިންޒާރުތައް ދެމުން ދާއިރު ރާއްޖޭގައިވެސް ލޮކްޑައުންގެ ފިޔަވަޅުތައް ދަނީ ދުވަހުން ދުވަހަށް ލުއި ކުރަމުންނެވެ. އެގޮތުން މިއަދު ރާއްޖޭގެ މަޖިލިސް ކުރާ ގޭގައި އަލުން ޖަލްސާތައް ބޭއްވުމުގެ ހުއްދަވެސް ޗްޕީއޭއިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ