ސަރުކާރުގެ ނުފޫޒުން މިނިވަން މުއްސަސާތައް ސަލާމަތްކޮށް ޤާނޫނީ ވެރިކަން ނަގަހައްޓާ ޤައުމު އިސްލާހުގެ މަގަށް އެޅުވުމަށް އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންގެ ދައުރު އިންތިހާއަށް މުހިންމުކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޚަބާ ދަންނެވުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.
މައުމޫން ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ.
އަދި ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ ކެންޑިޑޭޓުން ފިޔަވައި މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެތަކެއް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އިންތިޚާބެއްކަމަށާ އެގޮތުން ކެންޕޭން ކުރުމާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ސަރުކާރުގެ ނުފޫޒްގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މި އުނދަގޫތައް ކުރިމަތިވެފައި ވީނަމަވެސް، އިސްލާހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން މި އިންތިޚާބުގައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރައްވާފައިކަމަށާ އެގޮތުން އަމިއްލަ ގޮތުން މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ސާބިތުކަމާއި އެކު ދެމިތިއްބެވުމުގެ ނަތީޖާއަކީ އިންތިޚާބުގެ ގިނަ ގޮޑިތަކެއް އަމިއްލަ ކެނޑިޑޭޓުން ކާމިޔާބުކުރުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރުގެ ފިއްތުން ތަކުގެ ކުރިމަތީގައި މިފަދަ ކާމިޔާބެއް ލިބިފައި ވަނީ އެބޭފުޅުން ކުރެއްވި މިންނެތް މަސައްކަތުންނާއި ރައްޔިތުން އެ ކެންޑިޑޭޓުންނަށް ކުރެއްވި އަގުނުކުރޭފަދަ ބޮޑު އިތުބާރެއްގެ ސަބަބުންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވި، އެއިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔަބު ކުރައްވާފައި މިވާ ދަނޑިވަޅަކީ ރާއްޖޭގައި ގާނޫނީ އިމުގެ ބޭރުން އެތައްކަމެއް ހިނގަމުންދާ ދުވަސްވަރެއް ކަމަށެވެ.
އަދި އެކަން ހުއްޓުވުމަށާއި ސަރުކާރުގެ ނުފޫޒުން މިނިވަން މުއްސަސާތައް ސަލާމަތްކޮށް ގާނޫނީ ވެރިކަން ނަގަހައްޓާ ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންގެ ދައުރު އިންތިހާއަށް މުހިންމުކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެން ކަމުން އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ރައްޔިތުން އިތުބާރުކޮށް އިންތިޚާބުކުރި ގޮތުގައި ސާބިތުކަމާއެކު ގައުމުގެ ހައްގުގައި ދެމިތިއްބެވުމަށް ވަރަށް އިޚުލާސްތެރިކަމާއެކު އިލްތިމާސް ކުރާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުން އެގޮތުގައި ސާބިތުވެތިބުމަށް ރައީސް މައުމޫން ގޮވާލައްވާފައިވާއިރު، އަމިއްލަ ކެނޑިޑޭޓުންގެ ތެރެއިން ގިނަ ބޭފުޅުން ވަރަށް އަވަހަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއާއި ގުޅޭނެކަމަށް އެޕާޓީގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން 105 ކެނޑިޑޭޓަކު ގޮޑި ކާމިޔާބުކުރައްވާނެކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.
އަމިއްލަ ކެނޑިޑޭޓުން ސާބިތުވެތިބުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ