ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) ގެ ކައުންސިލް މެމްބަރުކަމުން ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހް އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކަމުގެ މަގާމްގައި ވެސް ހުންނެވި ޝެއިޚް އަހުމަދު އަލް-ފަހަދު ފީފާގެ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވީ އޭނައާ ގުޅުން ހުރި ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކުވޭތުގެ ތެލާ ބެހޭ ވަޒީރުކަން ވެސް މީގެ ކުރިން ކުރެއްވި ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހް ބުނެފައި ވަނީ، ފީފާގެ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދިނީ ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ނޫން ކަމަށާއި އެއީ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މީޑިއާތަކުން ދައްކާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަ ތަކެއް ކަމަށް ވެސް އަލް-ފަހަދުއާ ހަވާލާދީ އިނގިރޭސި ނޫސް ދަގާޑިއަންގައި ބުނެފައި ވެއެވެ.
ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމް ވެސް ފުރުއްވަމުން އަންނަ ޝެއިޚް އަހުމަދު ވިދާޅުވީ، ރިޝްވަތުގެ ތުހުމަތު ތައް އޭނަގެ ބޮލުގައި ބަޔަކު އަޅުވަން ކުރާ މަސައްކަތާ ދެކޮޅަށް ނިކުންނާނެ ކަމަށެވެ. އަދި މިކަމުގެ ހަގީގަތް ހޯދަން ބޭނުން ވާަކަމަށް ވެސް އޭނަ ބުންޏެވެ.
ފީފާގެ ކައުންސިލް މެމްބަރުކަމުން ޝެއިޚް އަހުމަދު އިއްޔެ އިސްތިއުފާ ދެއްވިއިރު، ފީފާގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ މެމްބަރު ރިޗަޑް ލައިގެ ރިޝްވަތުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ރިޝްވަތުގެ ގޮތުގައި 950،000 އެމެރިކާ ޑޮލަރު ނެންގެވި ކަމަށް ކޯޓުގައި ރިޗަޑް އެއްބަސްވިއިރު، ރިޝްވަތުގެ ކަންކަމުގައި ރިޗަޑްއަށް އެހީތެރިވި ކަމަުގެ ތުހުމަތު ބައެއްފަރާތް ކަތުން ދަނީ ޝެއިޚް އަހުމަދުގެ ބޮލިގައި ވެސް އަލުވަމުން ކަމަށް ބައެއް މިޑިއާ ރިޕޯޓްތަކުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ރިޗަޑް މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.
ފީފާގެ ކައުންސިލް މެމްބަރުކަމުން ޝެއިޚް އަހުމަދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ