އިސްލާމީ ޔުނިވާސިޓީގެ އޮޑިޓް ރިޕޯޓު: ފައިސާ ޖަމާނުކޮށް ބެހެއްޓުމަކީ މައްސަލައެއް

އިސްލާމީ ޔުނިވާސިޓީން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓި މައްސަލައެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކޮށްފައިވަނީ އިސްލާމީ ޔުނިވާސިޓީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެފައިސާ ލިބޭ ދުވަހު ޖަމާކުރަންޖެހޭ އެކައުންޓަށް ޖަމާކުރަންވާނެ ކަަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އިސްލާމީ ޔުނިވާސިޓީއަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާކުރަމުން ގޮސްފައި ނުވާ ކަމަށެވެ.
2017 ވަނަ އަހަރު ޔުނިވާސިޓީން 1132 ރަސީދުން އެކި ފަހަރުމަތިން ބަލައިގަތް 6.4 މިލިއަން ރުފިޔާ ގިނަ ދުވަސްތަކެއް ވަންދެން ބެންކަށް ޖަމާނުކޮށް ބަހައްޓާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. އޭގެ ތެރެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ބެންކަށް ޖަމާނުކޮށް ތިންމަސް ދުވަސް ވަންދެން ޔުނިވާސިޓީގައި ބަހައްޓާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ތަކެއްޗާއި ޚިދުމަތް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ބައެއް ކަންކަން ހުރުމާއި، ހަރުމުދަލުގެ ދަފުތަރު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި، ބައެއް ކޯސްތަކަށް ފީ ނަގަމުންދަނީ ކޮންމެ މާއްދާއަކަށް ވަކިން ނަމަވެސް، ކޮންމެ މާއްދާއަކަށް ވަކިން ފީނަގަން ހަމަޖެހުނު ގޮތުގެ ތަފުސީލު އެގެން ނެތުމާއި، ކަނޑައެޅިފައިވާ ރޭޓް ނޫން ރޭޓުގައި ފޮތްތައް ވިއްކާފައި ވުމުގެ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޔުނިވާސީޓިން ކުރަން ކަނޑައެޅި ދަތުރެއް ކެންސަލްވުމުން، ޓިކެޓަށް ޚަރަދުކޮށްފައިވާ ފައިސާ އަނބުރާ ހޯދާފައި ނުވާ މައްސަލަ ވެސް ފާހަގަކޮށްފައި ވެއެވެ. މިގޮތުން 88،257 ރުފިޔާ އަނބުރާ ހޯދާފައި ނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް ވަނީ އަންގާފައެވެ. އަދި ތަކެއްޗާއި ޚިދުމަތް ހޯދުމަށް މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައި އޮންނަ އުސޫލުން އެކަން ކުރުމަށް ވަނީ ލަފާދީފައެވެ.
އިސްލާމީ ޔުނިވާސީޓީގެ އޮޑިޓް ރިޕޯޓުގައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ފާހަގަކޮށްފައި ވީނަމަވެސް، މައިގަނޑު ގޮތެއްގައި 2017 ވަނަ އަހަރު ޚަރަދުތައް ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ޔުނިވާސިޓީއަށް ފާސްކޮށްދީފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް، އަދި މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ވެސް އިސްލާމީ ޔުނިވާސިޓީގެ 2017 ވަަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
2017 ވަނަ އަހަރު އިސްލާމީ ޔުނިވާސިޓީ ދުވަހުން ދުވަހަށް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ އެ ޔުނިވާސިޓީގެ އޭރުގެ ޗާންސެލަރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ