ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިނުގެންނެވި ލަސްވަމުން ދަނީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން ފޯމެއްގައި ސޮއެ ނުކުރައްވައިގެން ކަމުގައި ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ޑރ ހުސައިން ވިދާޅުވީ، އެފޯމުގައި ޝިހާން ސޮއިކުރެއްވުން ފިޔަވައި، ރާއްޖެއިން ބޭރަށް އެމަނިކުފާނު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމުގަ އެވެ.
ޤާސިމް އިބުރާހިމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނޭ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކޯޓުން އަމުރުކޮށްފައި ވީނަމަވެސް، ސަރުކާރުން އެކަމަށް ހުރަސް އަޅައި ތަންފީޒު ކުރަމުންދަނީ ޙުކުމުގެ އެއްބައި ކަމުގައި ވިދާޅުވެ ޑރ ހުސައިން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ޑރ ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތު ހޯމް މިނިސްޓަރ ޤާސިމް އިބުރާހިމާއި ބައްދަލު ކުރެއްވުމަށްފަހު، އެމަނިިކުފާނުގެ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަނުޖެހި ދިގުލައިގެން ދަނީ، އެމްސީއެސްގެ މެޑިކަލްބޯޑުގެ ބައްދަލުވުމެއް ނުބޭއްވިގެން ކަމުގައި ވިދާޅުވި ކަމަށާއި އަދި އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމުގައިވެސް ވިދާޅުވި ކަމަށެވެ. އަދި އެބައްދަލުވުން، ބާއްވައި މެޑިކަލް ބޯޑުންވެސް ޤާސިމް އިބުރާހިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ހަމައެކަނި ފުރިހަމަ ނުވެ އޮތް ކަމަކީ، އެކަމާއި ގުޅޭ ފޯމެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ސޮއެ ނުކުރެއްވުން ކަމުގައި ޑރ ހުސައިން ވިދާޅުވި އެވެ.
ޑރ ހުސައިން ވިދާޅުވީ އެހުއްދަ ނުދީ ހިފަހައްޓަވަމުން ގެންދަވަނީ ރައީސް ޔާމީން ކަމުގައި ދެކެވަޑައިގަންނަވާ ކަމުގަ އެވެ. އަދި ވިދާޅުވީ ޤާސިމް އިބުރާހިމަށް އިއްވާފައިވާ ހުކުމުގެ އެއްްބައި ތަންފީޒުކޮށް އަނެއްބައި އިސްތިއުނާފަށް ހުށައެޅުމަކީވެސް ކަންބޮޑުވުން އޮތް ކަމެއް ކަމުގަ އެވެ. މީގެ އިތުރުން އެހުކުމަކީ ސިޔާސީ ގޮތުން ޤާސިމް އިބުރާހިމަށް ދަތިކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޑރ ހުސައިން ވިދާޅުވި އެވެ.
"އެއްބާވަތެއްގެ މައްސަލަތަކުގައި އެކި މީހުންނާއި މެދު ޕީޖީ ތަފާތު ގޮތެއް ގެންގުޅުމަކީވެސް ކަންބޮޑު ވުމެއް. އެގޮތުން ރައީސް ޔާމީން ޕަބްލިކް މީޑިއާގައި ދެއްކެވި ވާހަކަފުޅަކީ، އެމަނިކުފާނުގެ މައްޗަށް ތަހުޤީޤުތައް ހިންގޭނެ ކަމަކަށްވާއިރު އެކަމަށް އަޅައި ނުލައި ދޫކޮށްލެއްވުމާއި، ރިޝްވަތުގެ ފައިސާ ބެއްސެވި ކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ބައްލަވާފައި ނުވޭ." ޑރ ހުސައިން ފާހަގަކުރެއްވި އެވެ.
ޤާސިމް އިބުރާހިމް ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރި އިރު އެހުކުމުގައި، ޤާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކުގެ މައްޗަށް އަމުރިތާ 11 ދުވަސް ފާއިތުވެގެން ދިޔައިރު ޙުކުމާއި އެއްގޮތަށް އަމަލު ނުކޮށް، ބަންޑާރަ ނައިބު ވަނީ ޙުކުމުގެ އެބައި އިސްތިއުނާފަށް ހުށައަޅާފަ އެވެ.
މިހާރުވެސް ޤާސިމް އިބުރާހިމަށް ފަރުވާ ދެވެމުން ދަނީ، ސަރުކާރުގެ މައިހޮސްޕިޓަލު އައިޖީއެމްއެޗުގަ އެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ރާއްޖެއިން ދެވޭނޭ އިތުރު ފަރުވާއެއް ނެތުމާއި، ހިތްޕުޅުގެ އާލާސްކަންފުޅާއި ގުޅިގެން ހައްދަވަންޖެހޭ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން އެމަނިކުފާނު ބެއްލެވި ހުރިހާ ޑޮކްޓަރުންވެސް ވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އަންގަވާފަ އެވެ. އެގޮތަށް ލަފާދެއްވި ޑޮކްޓަރުންގެ ތެރޭގައި އެމްސީއެސްއިން ކަނޑައެޅި ޑޮކްޓަރުވެސް ހިމެނެ އެވެ.
ގާސިމް ފުރުން ލަސްވަނީ ސިީޕީ ޝިހާން ފޯމެއްގައި ސޮއި، ނުކުރައްވައިގެން: ޑރ. ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ