ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދަށް ހަ ދުވަސް ދީފި އެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ދީފައި މިވަނީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުންނެވެ.
ގާސިމްގެ ބަންދަށް މިއަދު ހަ ދުވަސް ޖެހުމުން ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމުގެ އިޝާރާތެއް ޖުމްހޫރީ ޕާޓީން ވަނީ ދީފަ އެވެ.
ގާސިމް އިބްރާހީމްގެ ބަންދާ މެދު ގޮތެއް ނިންމަން އެމަނިކުފާނު މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު މިހާރު ވަނީ ދޫނިދޫ އަށް އަނބުރާ ގެންގޮސްފަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރީ ރޭ އިޝާ ނަމާދާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ފުލުހުން އެގެއަށް ދިއުމަށްފަހު އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރަން ރޭ ނެރުނު ކޯޓް އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމަށް މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ވޯޓް ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައި ވަނިކޮށް، ގާސިމް ބޭނުންވާ ވަކި ގޮތަކަށް އެވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވުމަކީ ވެސް ގާސިމް ހައްޔަރުކުރާ ސަބަބެއް ކަމަށް އަމުރުގައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭތީއާއި ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާ ކަމަށް ތުހުމަތުކުރެވުމަކީ ވެސް ގާސިމް އިބްރާހީމް ހައްޔަރުކުރާ ސަބަބެއް ކަމަށް އަމުރުގައިވެ އެވެ. އަދި ގާސިމަށް ތުހުމަތުކުރާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވާ ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީއާއި އަދި ގާސިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ ގާސިމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފެންނާތީ އެއީ ވެސް ގާސިމް ހައްޔަރުކުރާ ސަބަބެއް ކަމަށް އަމުރުގައިވެ އެެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ސޮއިކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ގާސިމްގެ ބަންދަށް މިއަދު ހަ ދުވަސް ދީފައިވާއިރު މިމަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ. ނަމަވެސް ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ދިނުމުން މަޖިލީހުގެ އެދުވަހުގެ ޖަލްސާއަށް ގާސިމް ހާޒިރުނުކޮށް ހިފެހެއްޓުމުގެ ބާރު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދާނެ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި މިވަނީ އެމަނިކުފާނާ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޝައިހް އިމްރާން އަބްދުﷲއާއި އެއްބަސްވުމެއްގައި ސޮއިކުރައްވާ މިސަރުކާރު ޒިންމާދާރުކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ވަގުތެއްގަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް ގާސިމް އިބްރާހީމް ގެންދަވަނީ ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް ހަ ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ