ފުޓްބޯޅަ މުބާރާތްތައް ބާއްވާއިރު ސަމާލުވޭ: ފީފާ

ޒިއުރިކް (މެއި 30) - ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމަކަށް ފެތުރިފައިވާ މި ދަނޑިވަޅުގައި އެ ބަލި ކޮންޓްރޯލްކުރެވޭ މިންވަރުތަކަށް ބަލައި އަލުން ފުޓްބޯޅަ މުބާރާތްތައް ފަށަމުން އަންނައިރު، ސަލާމަތީ ހުރިހާ ކަމަކަށް ހުރިހާ ގައުމަކުން ވެސް ސަމާލުވާން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ގޮވާލައިފި އެވެ.
ފީފާގެ ވޯކިން ގްރޫޕަކުން އަންނަނީ ގައުމުތަކުން ފުޓްބޯޅަ މުބާރާތްތައް ފަށާއިރު ފުރިހަމަވާން ޖެހޭ ކަންތައްތައް އަންގަމުންނެވެ. ގަވާއިދުން ޓެސްޓްކުރުމާއި ފިޒިކަލް ޑިސްޓެންސިންގެ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އަންގާފައިވެ އެވެ. އަދި ދުވަހުން ދުވަހަށް ކުޅުންތެރިންގެ މެދުގައި ވައިރަހުގެ އަސަރު އޮތް މިންވަރު ބަލަން ވެސް ވަނީ އަންގައިފަ އެވެ.
ގައުމުތަކުން އަލުން ފުޓްބޯޅަ މުބާރާތައް ފަށަނީ އެ ގައުމެއްގެ ސިއްހީ ކަންތައްތަކާ ބެހޭ މާހިރުން ވެސް ދޭ ލަފާގެ މަތިންނެވެ. އެ ގޮތުން ކޮންމެ ގައުމެއްގެ ސަރުކާރުން ވެސް ވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީތައް މެދުވެރިކޮށް ވަކި ގައިޑްލައިންތަކެއް ހަދައިފަ އެވެ.
"ފުޓްބޯޅަ މުބާރާތް ބާއްވާ ކޮންމެ ބައެއްގެ ވެސް ޒިންމާއެއް މި ވަގުތު އެބައޮތް. މި ޒިންމާ ވަރަށް ބޮޑު މިއީ މުޅި ފުޓްބޯޅަ އަށް ވެސް އޮތް ޒިންމާ އެއް. އަހަރެމެން އެދޭ ގޮތަށް ކަންތައްތައް ވާން އޮތީ މި ވައިރަހަށް ވެކްސިނެއް ލިބިގެން. އޭގެ ކުރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ،" ފީފާގެ އޮފިޝަލެއް ބުނެފައިވެ އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ކުޅުން ކުރިއަށް އޮތް ވިހި ވަރަކަށް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. މި ވަގުތު ފަށާފައިވާ ޖަރުމަނު ލީގުގެ ކަންތައްތައް ކުރާގޮތް ފީފާ އިން އަންނަނީ ގާތުން ބަލަމުންނެވެ. ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ މުބާރާތްތައް އަލުން ފަށަން ބަލަނީ އަންނަ އޮގަސްޓް މަހުގަ އެވެ. އަލުން ފަށާއިރު މުބާރާތުގެ ފޯމެޓަށް ބަދަލު ގެނައުމުގެ ގިނަ ވިސްނުންތަކެއް ޔުއެފާ އިން ގެންގުޅެ އެވެ. އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ މަހުގެ ތެރޭގަ އެވެ.
"މީގައި އެއް ގައުމުން އަމަލުކުރާގޮތް އަނެއް ގައުމުން ކޮންމެހެން ކުރުމެއް ނޫން ބޭނުމީ. މީގައި މުހިއްމީ އެ ގައުމެއްގައި ވައިރަހުން ސަލާމަތްވެ ތިބެވޭނެ ގޮތަކަށް ކަންތައްތައް ހަމަޖައްސާފައި ހުރުން،" އޮފިޝަލް ބުންޏެވެ.
އެއްވެސް ގައުމެއްގެ ސިއްހީ މާހިރުން ދޭ ލަފައަކާ ހިލާފަށް މެމްބަރު އެސޯސިއޭޝަނަކުން އަމަލުނުކުރަން ފީފާ އިން ވަނީ އެދިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ އެކު ފީފާ އިން ވެސް އަންނަނީ ގިނަ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރަމުންނެވެ. އެ ގޮތުން ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހިފައިވާ ނިއު ނޯމަލްގެ ތެރޭގައި ފުޓްބޯޅައިގައި ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން ވެސް ފީފާ އިން ލަފާ ހޯދަނީ ޑަބްލިއުއެޗްއޯގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ