އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް، އެކުއްޖާ ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:37 ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ އިތުރު މީހަކާއެކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން އެދުވަހުގެ މެންދުރު 1:08 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުށުގެ ރެކޯޑް އޮންނަ އެ މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލައި، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ކުޑަ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނިކަން އެނގިފައިވާ ކަމަށެވެ. އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ގުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރާ މީހުންނާ މެދު ގާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭގެ އިތުރުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއެކު ކުދިން ތަންތަނަށް ނުފޮނުވުމާއި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ފޯން 3000600 ނުވަތަ 9790163 އަށާއި ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް އެދެއެވެ.
އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް، ރޭޕްކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ