ދެ ކޮމިޝަނަށް ބާރުތައް ދީފިނަމަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް ފާސްކޮށްފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އުފައްދަވާފައިވާ ދެ ކޮމިޝަނަށް ބާރު ދޭން ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް ކަމަށެވެ. އެގޮތަށް ކޮމިޝަނަށް ބާރުތައް ދޭން މަޖިލީހުން ފާސްކޮށްފިނަމަ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި އަދި ސުޕްރީމް ކޯޓުން މަޖިލީހުގެ ނިންމުން ރަނގަޅު ކަމަަށް ކަނޑައަޅައިފިނަމަ ދެ ކޮމިޝަނަށް ވެސް އެމަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިސަރުކާރުގެ ބޭފުޅުން ކުރާ ތުހުމަތުތަކުގެ ތެރެއިން އެއްވެސް ކަމެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ހިންގާ ތަހުގީގުތަކުގައި ހަނުހުުރުމުގެ ހައްގުގެ ބޭނުން ނުހިއްޕަވާނެ ކަމަށާއި އޭގެ ބަދަލުގައި ތަހުގީގަށް ހާޒިރުކޮށްފިނަމަ ކުރާ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޮމިޝަނެއް ހެދިއިރު އޭގެ ކުރީގެ ސަރުކާރުތަކުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ ސުވާލު އުފެދޭ ކަަމަށެވެ. އަދި މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ބަލާނީ 2012 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ މަރުގެ މައްސަލަތައް ކަމަށް ރައީސް އޮފީހުން ބުނެފައިވާތީ އެކަމަށް ރައްދުދެއްވަމުން ރައީސް ޔާމީން ވަނީ 2012 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި މަރުގެ މައްސަލަތައް ނުހިނގަނީތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ އެމަނިކުފާނާއި އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ޕީޕީއެމްއާ ގުޅުވާތީ އެކަމަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެކަމުގައި އެމަނިކުފާނާ ގުޅުވުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަގޮތެއް ކަމަށެވެ. ކުންފުނިތައް ހިންގަނީ ސަރުކާރާއި ވަކިން ކޮންމެ ކުންފުންޏަކަށް ޑިރެކްޓަރުންގެ ބޯޑެއް އައްޔަންކޮށްގެން ކަމަށްވާތީ ކުންފުންޏެއްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށްވެސް ވިދާޅުވި އެވެ.
- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ