މެކްސިކޯ ލީގު ކެންސަލް ކޮށްފި

މެކްސިކޯގެ ފުރަތަމަ ޑިވިޝަން ލީގު ކަމަށްވާ ލީގާ އެމްއެކްސް ކެންސަލް ކުރަން ނިންމައިފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެކްސިކޯ ލީގު މެދުކަނޑާލީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 10 މެޗު ކުޅެފައިވީ ނަމަވެސް، ހުކުރު ދުވަހު ލީގު ކެންސަލް ކުރަން ވަނީ ނިންމާފަ އެވެ.
އެ ލީގުން ނެރުނު ބަޔާނެއްގައި ބުނީ ލީގު ކެންސަލް ކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު ލީގު ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން ކަމަށާއި، މިވަގުތު އެންމެ މުހިންމީ ކުޅުންތެރިންގެ ސިއްހަތު ކަމަށެވެ.
މެކްސިކޯ ލީގު ކެންސަލް ކޮށްފައިވަނީ ޗެމްޕިއަނެއް ކަނޑަނާޅަ އެވެ. އެކަމަކު އަންނަ ސީޒަނުގެ ކޮންކާކަފް ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ޓީމުތައް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އަންނަ ސީޒަނުގެ ކޮންކާކަފް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ކްރުޒް އަޒުލް އާއި ލެއޯން އެވެ.
މެކްސިކޯ ލީގު ކެންސަލް ކުރި ނަމަވެސް، ފުރަތަމަ ޑިވިޝަން ކަޕް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމްއެކްސް މިއަހަރު އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ.
ކޮވިޑް-19 އާ ގުޅިގެން މެކްސިކޯ ލީގު ކެންސަލް ކުރިއިރު، މީގެ ކުރިން މެކްސިކޯ ލީގުގައި ވާދަކުރަމުން އަންނަ ސަންޓޯސް ލަގޫނާގެ 8 ކުޅުންތެރިއަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ