ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނޭ: މެމްބަރު ގައުމުތައް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިމަގުން އުވާލުމަށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް، މެމްބަރު 41 ގައުމަކުން ހުށަހެޅި ބަޔާނެއްގައި ގޮވާލައިފިއެވެ.
މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 37 ޖަލްސާއަށް، އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއަށް އެޑްރެސްކޮށް، މެމްބަރު 41 ގައުމަކުން ހުށަހެޅި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް ރާއްޖޭގައި ހިންގަމުންގެންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި އަމަލުތަކާ ގުޅިގެން އެ ކައުންސިލުން ކުރި އެއްވެސް އިންޒާރަކަށް ދިވެހިރާއްޖެއިން އަމަލުކޮށްފައި ނުވާ ކަމަށެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ދިވެހިރާއްޖެއިން ފަސްޖެހިފައިވުމަކީ ގައުމުތަކުން ވަރަށް ބޮޑަށް ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ކަންބޮޑުވުންތަކާއި އިންޒާރުތަކުގެ ރައްދުގައި ދިވެހިރާއްޖެއިން ފެނިގެންދަނީ، އެ ކަންބޮޑުވުންތަކަށް ބީރުކަންފަތެއްދީ، އިންސާނީ ހައްގުތައް އިތުރަށް އަރައިގަނެ އަދި އަސާސީ މިނިވަންކަމަށްވެސް ހުރަސްއެޅުމުގެ އަމަލުތައް ހިންގާތަން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިއީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާތަކާ ޚިލާފް އަމަލުތަކެއް ކަމަށްވެސް ގައުމުތަކުން ބުނެފައި ވެއެވެ.
ކަންކަން މިހެން ހުރުމުން، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިމަގުން އުވާލުމަށާއި، ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ހުރިހާ ހައްގުތަކެއް އަނބުރާ އިއާދަކުރުމަށާއި، ސުޕްރީމް ކޯޓާއި، ޖުޑިޝަރީގެ ހުރިހާ ގުނަވަނެއް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށާއި، ޕާލަމެންޓްވެސް މިނިވަންކަމާއި އޭގެ ފުރިހަމަ ބާރުގައި މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށާއި، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް އަނބުރާ މަޖިލީހަށް ވަނުމުގެ ފުރުސަތު ދިނުމަށާއި، ޖަލަށް ލާފައިވާ ސިޔާސީ ހުރިހާ އެންމެނާއި، އެމީހުންގެ އާއިލާތައްވެސް މިނިވަންކުރުމަށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ހުށަހެޅި ގަރާރުގައި މެމްބަރު 40 ގައުމުން ދިވެހި ސަރުކާރަށް ގޮވާލާފައި ވެއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އދގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރ ދެއްވަމުން ގެންދަވާ ޚާއްސަ ސަމާލުކަމަށްޓަކައި، މެމްބަރު ގައުމުތަކުން ހުށަހެޅި ބަޔާނުގައި އެކަމަށް މަރްހަބާ ކިޔާފައި ވެއެވެ. ހަމައެއާއެކު، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންބޮޑުވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށްޓަކައި ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި، އދގެ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލާއި ގުޅިގެން، އެ ކައުންސިލްގެ ނިޒާމުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައި ވެއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެމްބަރު 41 ގައުމުން މިއަދު ހުށަހެޅި ބަޔާނުގައި، އެ ކައުންސިލްގެ 34 ގައުމަކުން ތާއީދުކޮށް 2017 ވަނަ އަހަރުގެ ޖޫންމަހު ބަޔާނެއް ނެރެފައިވާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
އެގޮތުން، ސިޔާސީ އިދިކޮޅު ޕާޓީތަކާއި، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދެވެން ޖެހޭނޭ ކަމަށާއި، ތަފާތު ފިކުރުތަކުގެ މީހުންނަށް އެމީހުންގެ ޚިޔާލުފާޅުކުރަން ފުރުސަތު ދެވެން ޖެހޭނޭ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމަށް ލިބިދީފައިވާ ހައްގުތަކަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށާއި، މިނިވަން ޖުޑިޝަރީއެއްގެ މުހިންމުކަމާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތައް ނެގެއްޓުމުގެ މުހިންމުކަން އެބަޔާނުގައި ފާހަގަ ކޮށްފައިވާކަންވެސް ހާމަކޮށްފައި ވެއެވެ.
އެހެންނަމަވެސް، ފާއިތުވީ ހަފްތާތަކުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ގޯސްވެފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަން، މެމްބަރު 41 ގައުމުން ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.
ރައީސް ޔާމީން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރައްވައި، އަދި އެ ހާލަތު އިތުރަށް ދަމަހައްޓައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެތައް މިނިވަންކަމަކާއި، އިންސާނީ ހައްގުތަކެއް ސަސްޕެންޑް ކޮށްފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޒާތީ މިނިވަންކަން ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ބަންދު ނުކުރެވޭގޮތަށް އޮންނަ މިނިވަންކަންވެސް ނިގުޅައިގެންފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.
އަދި ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ބަދަލުކޮށް ޖުޑިޝަރީގެ މިނިވަންކަން ވަރަށް ބޮޑަށް ނިގުޅައިގެންފައިވާ ކަމަށްވެސް، އދގެ ކައުންސިލަށް މެމްބަރު ގައުމުތަކުން ހުށަހެޅި ބަޔާނުގައި ވެއެވެ. އަދި ޕާލަމެންޓްގެ އެތައް މެމްބަރުން ހައްޔަރުކޮށް ޕާލަމެންޓް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއަޅާފައިވާ ކަމަށާއި، ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ނޫސްވެރިންނާއި، މަދަނީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކުރުމާއި، ފުރައްސާރަކުރުން ރާއްޖޭގައި ކުރިއަށްދާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރުމުގެ ކުރިންވެސް މިކަންކަން ރާއްޖޭގައި ކުރިއަށްދިޔަ ކަމަށާއި، އޭގެފަހުންވެސް މިކަން ކުރިއަށްދާކަން އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް މެމްބަރު ގައުމުތަކުން ހުށަހެޅި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ބަޔާން ހުށަހެޅި 41 ގައުމަކީ؛ އަލްބޭނިއާ، އޮސްޓްރިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިޔާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލެންޑް، ފްރާންސް، ޖަރުމަނީ، ޖޯޖިއާ، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އަޔަރލޭންޑް، އިޓަލީ، ލެޓްވިއާ، ލިކްޓެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބާރގް، މެސެޑޯނިއާ، މޯލްޓާ، މޮންޓެނީގްރޯ، ނެދަރލޭންޑްސް، ނިއުޒީލެންޑް، ނޯރވޭ، ޕޯލެންޑް، ޕޯޗުގަލް، ރޫމޭނިއާ، ސްލޮވީނިއާ، ސްލޮވާކިއާ، ސްޕެއިން، ސްވިޑަން، ޔޫކްރެއިން، ސްވިޓްޒަރލޭންޑް، ޔޫކްރެއިން، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ