މެންބަރު ސައުދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސައުދުﷲގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސައުދުﷲގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި މައްޗަށްގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމު އަހްމަދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުން ދިޔަ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ތެރެއިން އަށް މެންބަރެއްގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާއިރު ބާކީ ތިބި ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިމުމަކަށް އައިސްފައިވާތީ މި ހަތަރު މެންބަރުންގެ މައްސަލާގައިވެސް ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ހުކުމެއް ކުރާނެ ކަމަށް ބެލެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މެންބަރަކު އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައެޅުމާ ގުޅިގެންނާއި ސުޕްރީމް ކޯޓުން އެ ގާނޫނު ސައްހަކަން ކަނޑައެޅުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައިވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް 12 މެންބަރުންނާއި ގުޅިފައިވާ ޕާޓީ ތަކުން ގެންދިޔައީ މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން މުރާޖައާކޮށް ކުރީގެ އެ ނިންމުން މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭރު 12 މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ސުޕްރީމް ކޯޓުން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ