ޕާލަމެންޓް އުވާލި މައްސަލަ ލަންކާގެ އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލައްވަން ރޭގައި ނިންމެވި ނިންމެވުމާ ދެކޮޅުހަދައި، ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ ރަނިލް ވިކްރަމަސިންހަގެ ޕާޓީން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ބުނެފައިވަނީ، ޕާލަމެންޓް އުވާލައްވަން ރައީސް ނިންމެވި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނޭ ކަމަށެވެ.
ޔޫއެންޕީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެއް ކަމަށްވާ މަންގަލަ ސަމަރަވީރަ، ކޮޅުނބުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ، މައްސަލަ އެންމެ ލަސްވެގެން މިފެށޭ ހަފްތާގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ހިނގަމުންދާ ޕާލަމެންޓްގެ ދައުރު ހަމަނުވަނީސް ޕާލަމެންޓް އުވާލައްވަން ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމަކީ ޣައިރުގާނޫނީ ނިންމެވުމެއް ކަމަށެވެ.
ޕާލަމެންޓް އުވާލައްވަން ނިންމެވި މައްސަލަ ރަނިލް ވިކްރަމަސިންހަގެ ޕާޓީން ސުޕްރީމް ކޯޓަށް ވައްދަން ނިންމިއިރު، ޓެމިލް ނޭޝަނަލް އެލަޔަންސްއާއި، ޖަނާތަ ވިމުކްތި ޕެރަމުނަ ޕާޓީންވެސް މިއަދު ބުނެފައިވަނީ، މައްސަލަ ހޯމަދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާނޭ ކަމަށެވެ.
ޕާލަމެންޓް އުވާލައްވަން ރައީސް ނިންމެވި ނިންމެވުމާ ގުޅޭގޮތުން ޔޫއެންޕީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންގެ ގޫޕެއް މިއަދުވަނީ، އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަން މަހިންދަ ދޭޝަޕްރިޔާއާ ބައްދަލު ކުރައްވައި މަޝްވަރާވެސް ކުރައްވާފައެވެ. އަދި ޑިމޮކްރަސީގެ ހިމާޔަތުގައި ފިޔަވަޅު އެޅުއްވުމަށްވެސް މެމްބަރުން، އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަންގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.
ޕާލަމެންޓް އުވާލެއްވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން 14 ދުވަހުގެ ތެރޭގައި އިންތިޚާބަށް އިޢްލާންކުރާން ޖެހެއެވެ.
ޕާލަމެންޓް އުވާލެއްވުމުގެ ޚާއްސަ ގެޒެޓް ނޯޓިސްގައި ސްރީލަންކާގެ ރައީސް ސިރިސޭނާ ސޮއި ކުރައްވާފައިވަނީ ރޭގައެވެ. އަދި އާންމު އަވަސް އިންތިޚާބެއް އަންނަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށްވެސް ގެޒެޓް ނޯޓިސްގައި ކަނޑައަޅުއްވާފައި ވެއެވެ.
ރައީސް ސިރިސޭނާ ނެރުއްވި ޚާއްސަ ގެޒެޓް ނޯޓިސްގައި ވިދާޅުވެފައިވަނީ، ސްރީލަންކާ ގަޑިން ރޭ މެންދަމު 12:00 އިން ފެށިގެން ޕާލަމެންޓް އުވާލެވިފައިވާ ކަމަށާއި، އަދި އިންތިޚާބަށް ކުރިމަތިލެއްވުމަށް ނޮވެމްބަރު 19-26 ހުޅުވާލެވޭނެ ކަމަށެވެ.
ސްރީލަންކާގެ ރައީސް އާންމު އަވަސް އިންތިޚާބެއް ބޭއްވުމަށް މި ނިންމެވީ، އިންތިޚާބު ބާއްވަން ހަމަޖެހިފައިއޮތް ތާރީޚްގެ ދޮޅުއަހަރު ކުރިންނެވެ.
ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، މިދިޔަ އޮކްޓޫބަރުމަހުގެ 26 ވަނަދުވަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ވަކި ކުރެއްވީއްސުރެ އެގައުމު ވަނީ ދުސްތޫރީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.
ރައީސް ސިރިސޭނާ ބޮޑުވަޒީރުކަމުން ވަކިކުރެއްވި ރަނިލް ވިކްރަމަސިންހަ ޕާލަމެންޓް އަޣުލަބިއްޔަތު އޮތީ އޭނާގެ ޕާޓީއަށްކަމަށް ވިދާޅުވަމުން ގެންދަވާއިރު، ސިރިސޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި މަހިންދަ ރާޖަޕަކްސަ ވިދާޅުވަމުން ގެންދަވަނީ ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތީ އޭނާއަށް ކަމަށެވެ.
ސްރީލަންކާގެ ރައީސް ޕާލަމެންޓް އުވާލެއްވި މައްސަލާގައި އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދެކޮޅުވެރިކަން ފާޅުކޮށްފައި ވެއެވެ. އެގައުމުތަކުން ބުނެފައިވަނީ ޕާލަމެންޓް އުވާލެއްވުމަކީ ޑިމޮކްރަސީގެ ހަމައެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ