އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން އަންގައިފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ނުހިމަނާ އެހެން ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް ކަމަށެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ.
މިހަތަރު ޕާޓީގެ ތެރެއިން ފައިސާ ދޫކުރަން އެންގި ޕާޓީ ތަކަކީ އޮޑިޓް ރިޕޯޓް އަދި އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ޕާޓީތައް ކަމަށާއި އެމްޑީޕީން ހުށަހެޅި އޮޑިޓް ރިޕޯޓްގައި މައްސަލަތަކެއް ފާހަގަވާތީ އެކަން އިސްލާހުކުރުމަށް އަންގާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވަނީ 24.2 މިލިއަން ރުފިޔާ އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ ފައިސާ ލިބެނީ 45،865 މެންބަރުން ތިބި ކަމަށް ބުނާ ޕީޕީއެމް އަށެވެ. އެޕާޓީއަށް 11.5 މިލިއަން ދޫކުރުމަށް ނިންމާފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ 29،759 މެންބަރުން ހިމެނޭ އެމްޑީޕީ އަށެވެ. އެޕާޓީއަށް 7.5 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ 10،537 މެންބަރުން ހިމެނޭ އެމްޑީއޭ އަށެވެ. އެޕާޓީއަށް 2.7 މިލިއަން ރުފިޔާ ލިބޭއިރު ޖުމްހޫރީ ޕާޓީއަށް ދޫކުރުމަށް ނިންމާފައިވަނީ 2.6 މިލިއަން ރުފިޔާ އެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނުނުގައިވެ އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ